ހދ. މަކުނުދޫގައި ގޭސްފުޅިއެއް ގޮވައި، ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން މަކުނުދޫ އެއަރޕޯޓްގެ ބިން ހިއްކުން ހުއްޓާލައިފިއެވެ.

މަކުނުދޫގައި އިއްޔެ ގޭސް ފުޅިއެއް ގޮވި ހާދިސާގައި މަރުވީ އެ ރަށު އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުންނެވެ.

މަކުނުދޫ ކައުންސިލުން ބުނީ މި ހާދިސާއާ ގުޅިގެން ކުންފުނީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނީ މުވައްޒަފުން ހަމައަކަށް އެޅުމުންކަމަށްވެސް މީޑީއާތަކަށް މައުލޫމާތުދެމުން ކައުންސިލުން ބުނެއެވެ.

މަކުނުދޫގައި އިއްޔެ ގޭސް ފުޅި ގޮވި ހާދިސާ ހިނގާފައިވަނީ ހަވީރު 4:15 ހާއިރުއެވެ.

ވެލްޑިން ކުރާ އާގަން ގޭސް އަޅާފައިހުރި ސިލިންޑަރު ގޮވިލެއް ބާރުގަދަކަމުން ދެމީހުންގެ ހަށިގަނޑަށް ވަނީ ކާކުކަން ނޭނގޭވަރަށް ގެއްލުންތައް ލިބިފައެވެ.

މަކުނުދޫ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުއެވެ. އެ މަސައްކަތްކުރަމުންދަނީ ބިގް ފިޝް ކުންފުނިންނެވެ.

މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން