އަހުމަދު މަސްނޫމް   23 އޮކްޓޯބަރު 2023 - 6:15
އިސްރާއީލަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށާއި، އެމީހުންގެ އަސްކަރިއްޔާ އައިޑީއެފްއަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ތެރެއިން އުފެދިފައިވާ ބައެއްކަމަށް އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޓިކްޓޮކްގައި އާއްމު ކުރެއްވި ވީޑިއޯއެއްގައި ފާރިސް މިހެން ވިދާޅުވެފައި މިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ލާއިންސާނީ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

ފާރިސް ވިދާޅުވީ އިސްރާއީލޭ ކިޔުނު މީހުންނަކީ 1917 ވަނަ އަހަރުން ފެށިގެން ފަލަސްތީނު ރައްޔިތުން ފަލަސްތީނު ބިމުން ނެރެ ހުސްކުރުމަށް މަސައްކަތް ފެށި ބައެއްކަމަށެވެ. އަދި މިއަދުވެސް ކުރަމުންދަނީ އެ މަސައްކަތްކަމަށް ފާރިސް ވިދާޅުވިއެވެ.

"އެންމެ ކުރީގައި އެ މަސައްކަތް ކުރީ ހަގަނާ ކިޔާ ބަޔަކު. އެއީ ދުނިޔޭގެ ފުރަތަަމަ ޓެރަރިސްޓް ޖަމާއަތްކަމަށްވެސް ބުނެވިދާނެ. މި މީހުންގެ ތެރެއިން އުފެދުނު ބައެއް އިސްރާއީލް ޑިފެންސް ފޯސްއަކީ. އޭރުގެ މީހުން ދައްކާފައި ހުރި ވާހަކަ އެބަހުރި ހީނހީފައި، ތިމަންނަމެންނަށް މެރުނު މީހުންގެ އަދަދެއް ނޭނގެޔޭ. މިތަކެތި ހުންނާނެ ސޯޝަލް މީޑިއާގައި ފެންނަން. މިއީ މިއަދު ފޮރުވޭނެ ކަންކަމެއް ނޫން." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެ ޖަރީމާތައް ހިންގުމުންވެސް އެމީހުންނާއި މެދު އެއްވެސް ޝަރީއަތެއް ބައިނަލްއަގްވާމީ ކޯޓުތަކުގައި ހިންގާފައި ނުވާކަމަށެވެ. އަދި މިއީ ބައެއްގެ ފަރާތުން ރައްކާތެރިކަން ކަށަވަރުކޮށްގެން އެ މީހުން ހިންގާ ޖަރީމާއެއް ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކުރުމަށް އެހީތެރިވުމަށް ރަނގަޅު މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި އަޑު އުފުލުމަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކަށް ބާރު އަޅަންޖެހޭކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ މިއީ ހަމަހަމަކޮށް ހިނގާ ދެ ގައުމުގެ މެދުގައި ހިނގާ ހަނގުރާމައެއްކަމަށް ބަޔަކަށް ގަބޫލުކުރެވެނީވެސް މިކަމުގެ ރަނގަޅު މައުލޫމާތު ނޭނގޭތީކަމަށެވެ. އެހެންކަމުން މިކަމުގެ މައުލޫމާތު ވީވަރަކުން އެއް ކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއްކަމަށް ފާރިސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އަލިފު ޙާ!

24-Oct-2023

މީ ވަރަށް ފުރިހަމަ ވާހަކަފުލެއް!



ޓްރެންޑިން