ފޮރިން އިންވެސްޓްމަންޓްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތައް ބަޔާންކުރާ ބިލެކެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލް ހުށަހަޅާފައިވަނީ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫންއެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި އިންވެސްޓްމަންޓް އެޕްރޫވަލް އަދި ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައެޅުން، މި ބިލު ހުށަހެޅުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އިންވެސްޓަރުންގެ ޒިންމާ އާއި އިންވެސްޓަރުންނަށް ލިބޭ ހިމާޔަތާޢި ރައްކާތެރިކަމުގެ ދާއިރާތައް ކަނޑައެޅުންވެސް ހިމެނެއެވެ.

މީގެ އިތުރަށްވެސް، ފޮރިން އިންވެސްޓްމަންޓްގެ ލައިސަންސް ހިފެހެއްޓޭނެ އަދި ބާތިލުކުރެވޭނެ ހާލަތްތައްވެސް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ. އަދި ދައުލަތަށް އިންވެސްޓްމެންޓް ނެގޭނެ ޚާއްސަ ޙާލަތްތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

އެ ޙާލަތްތަކުގެ ތެރޭގައި ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރުން ނުވަތަ ރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުން ހިމެނެއެވެ.

ފޮރިން އިންވެސްޓްމަންޓެއް ދައުލަތަށް ނަގާއިރު އެކަށޭނަ ބަދަލު ދޭންވާނެ ކަމަށް ވެސް މި ބިލުގައި ސާފުކޮށް ބަޔާންކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން