އިޒްރޭލަށް ހަމްދަރުދީ ފާޅުކުރި ވީޑިއޯއެއް ހާމަކުރެއްވި ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަޙްމަދު ޝަހީދުގެ ޓްވިޓާ ހޭންޑްލް ޑިލީޓްކޮށްލައިފިއެވެ.

ދާދި ފަހުން ޑރ. ޝަހީދު ވަނީ އެކްސް ނުވަތަ ކުރީގެ ޓްވިޓާގައި އިޒްރޭލަށް ތާއީދުކުރާކަން ދޭހަވާގޮތަށް ވާހަކަދައްކާފައިވާ ވީޑިއޯއެއް ޢާންމުކުރައްވާފައެވެ. މި ވީޑިއޯއާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ޑރ. ޝަހީދަށް ފާޑުކިޔާފައެވެ. އަދި އޭނާ އަލުން ރާއްޖެއަށް ވަޑައިނުގަންނަވަންވެސް ބައެއް މީހުން ގޮވާލާފައި ވެއެވެ.



މިވަގުތު ޜާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޝަހީދު ޢާންމުކުރެއްވި ވީޑިއޯގައި އޭނާ ވަނީ ޔަހޫދީންނާއި ދެކޮޅަށް މަސައްކަތްކުރާ ކޮމްބެޓް އެންޓި ސެމައިޓިޒަމް މޫވްމަންޓަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. ޔަހޫދީން ހިންގާ އެހަރަކާތުން ވަނީ ޑރ. ޝަހީދަށް ޝުކުރު އަދާކޮށް ކޮމެންޓްވެސް ކޮށްފައެވެ.

މި ވީޑިއޯގައި އޭނާ ވަނީ އިޒްރޭލާއި ޔަހޫދީންނާއި އެއްކޮށް ހުންނެވިކަން ފާޅުކުރައްވާފައެވެ. އިޒްރޭލުގެ ރައްޔިތުންނަށް ހަމާސް ޖަމާއަތުން ދެމުންގެންދަނި 'ނިރުބަވެރި ހަމަލާތަކެއް' ކަމަށް ވީދާޅުވެ ޝަހީދު ވަނީ 'ހަރުކަށި އިބާރާތުން' އެކަން ކުށްވެރިކުރައްވާފައެވެ.



އަދި ހަމައެއާއިއެކު، ކޮމްބެޓް އެންޓި ސެމައިޓިޒަމް މޫވްމަންޓުން އޭނާއަށް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ދެއްވީތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ވެސް ވެއެވެ.

"މެންބަރުން ގެއްލުނު އާއިލާތަކުގެ މީހުންގެ އިހުސާސުތައް ހިތަށް ގެންނަންވެސް އަޅުގަނޑަށް ދަތި. ހަމާސްގެ ނިރުބަވެރިން ހިންގާ ލާއިންސާނީ އަމަލުތަކަކީ އެއްވެސް ޙާލެއްގައި ކުރަން ޖާއިޒު އަމަލުތަކެއް ނޫން. ދުނިޔޭގެ ބައިވަރު ލީޑަރުންނެކޭ އެއްގޮތަށް އަޅުގަނޑުވެސް (ހަމާސްގެ އަމަލުތަކަކީ) ކުށްވެރިކުރަންޖެހޭ ކަމެއްކަން ޤަބޫލުކުރަން. އަޅުގަނޑުގެ ވަރަށް ބައިވަރު ވަގުތުތައް އެންޓި ސެމިޓިޒަމްއާއި އެކި ބާވަތުގެ ނަފްރަތުތައް ނައްތާލަން މަސައްކަތްކުރިން. ރަހީނުކޮށްފައިވާ މީހުންނަށްޓަކައި އަޅުގަނޑު ހެޔޮ ދުޢާކުރަން އަދި ޝަރުތަކާއި ނުލާ މިހާރުން މިހާރަށް އެމީހުން ދޫކުރަން ގޮވާލާ ފަރާތްތަކާއި އެއްކޮށް އަޅުގަނޑު މިހުރީ." ޑރ. ޝަހީދު ވިދާޅުވެފައި ވެއެވެ.

ޑރ. ޝަހީދަކީ ކުރީގެ ރައީސް މައުމޫނު ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ޚާރިޖީވަޒީރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން