ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި 27 ބާވަތެއް ކަނޑައަޅައި, އޭގެ ލިސްޓް ހޯމް މިނިސްޓްރީން އާއްމުކޮށްފިއެވެ.

މިއީ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެ ކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީގޮތުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވާލި ލިސްޓެކެވެ.

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭ ތަކެތީގެ ލިސްޓުގައި ޖުމްލަ 27 ބާވަތެއް ހިމެނޭއިރު، އޭގެތެރޭގައި ކަނޑިއާއި ހަންޖަރު، ޑައިވިން ނައިފް، މަސް ބާނާ ބަޑި ތީރާއި، ލާންސް، ސްޕިއަރ، ރޭޒަރު ތިލައާއި، ކަޓަރާއި ކަޓަރު ތިލަ، ކަތިވަޅިއާއި ފުރޮލާއި ކޯރާޑިވެސް ހިމަނާފައިވެއެވެ. މި ލިސްޓުގައި ވަޅީގެވެސް 12 ވައްތަރެއް ހިމަނާފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ، އާއްމުކުރި ލިސްޓުގައި ހިމެނިފައި ނުވާ، އެހެން ނަމަވެސް މީހަކަށް އަނިޔާއެއް ދެވިދާނެ މި ނޫންވެސް ތޫނު އެއްޗަކީ ނުރައްކާތެރި ހަތިޔާރު އަދި ތޫނު އެއްޗެހީގެ ގޮތުގައި ހިމެނޭނެ ތަކެތިކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނަކީ 5 ސެޕްޓެމްބަރު 2010 ވަނަ ދުވަހު ތަޞްދީޤުކޮށް، ޢަމަލުކުރަން ފެށި ޤާނޫނެކެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގެ ދަށުން ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދައަށް އެދެންވާނެ ބާވަތްތަކުގެ ލިސްޓެއް ގެޒެޓުކޮށް އާއްމުކުރަން ޖެހެއެވެ.

ހޯމް މިނިސްޓްރީން ކަނޑައެޅި ލިސްޓުގައިވާ އެއްޗެއް ރާއްޖެ އެތެރެކުރުމަށް ނުވަތަ ރާއްޖޭގައި އުފެއްދުމަށް ހުއްދައަށް އެދެން ޖެހޭނެއެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް ވަޅި ފަދަ ތަކެތި ވިއްކުމަކީ މަނާ ކަމެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން