ރާއްޖޭގެ ރައްޔިތުން ފަލަސްތީނަށް ދޭ އެހީ ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އެޖަމިއްޔާގެ އޮޑިޓް ރިޕޯޓްތައް އާއްމުކުރަން ނިންމައިފިއެވެ.

އައިއޭސީން އެ މީހުންގެ އޮޑިޓް ރިޕޯޓްތައް އާއްމުކުރަން ނިންމީ، އެ ޖަމާއަތަށް އެހީގެ ގޮތުގައި ލިބޭ ފައިސް ހަރަދުކުރުމުގައި މަކަރާއި ޙީލަތް ހަދާކަމަށް ބަޔަކު ތުހުމަތުކުރަމުންދާތީއެވެ. އެގޮތުން ބައެއް މީހުން ދަނީ ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓް ރިޕޯޓްތައް އާއްމުކުރުމަށް ގޮވާލާމުންނެވެ.

އެ ޖަމިއްޔާގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އަޒްހަދު އަހުމަދު މީޑިއާއަކަށް މައުލޫމާތު ދެމުން ވިދާޅުވީ ކާކުކަން ނޭނގޭ މީހުން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދު ދިނުމަކީ އައިއޭސީގެ ސިޔާސަތެއް ނޫން ކަމަށެވެ.

"ރައްޔިތުންނަށް އަޅުގަނޑުމެން ހާމަކުރަން ޖެހޭ މައުލޫމާތުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަނީ ހާމަކުރަމުން އަދި ކުރިއަށް އޮތް ތަނުގައި ވެސް ދާނީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ހަމާކުރަމުން." އޭނާ ވިދާޅުވިއެވެ.

އައިއޭސީން ބުނީ އެ މީހުންނަށް ލިބުނު ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓް އާންމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ. އަދި އެކަން ލަސްނުކޮށް ކުރިއަށް ގެންދާނެކަމަށް ވެސް އައިއޭސީން ބުނެއެވެ.

އައިއޭސީން ބުނާގޮތުން ރައްޔިތުން ދޭ ފައިސާ ހަރަދުކުރާއިރު އެކަމުގެ ފުރިހަމަ ލިޔެކިޔުންތައް އެ ޖަމާއަތުން ބަލަހައްޓައެވެ. އަދި މަކަރާއި ޙީލަތް ހަދަފައިނުވާނޭކަމުގެ ފުރިހަމަ ޔަގީންކަން އެ ޖަމާއަތަށް އެބައޮތެވެ.

ދިވެހި ރައްޔިތުންނާއި އަދި އެހެނިހެން ގޮތްގޮތުން އެޖަމާއަތުން ފައިސާ ހޯދައިގެން ފަލަސްތީނަށާއި އަދި ހާލުގައި ޖެހިފައިތިބި އެހެނިހެން ގައުމުތަކުގެ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާއިރު ފައިސާ ހޭދަކުރާ ގޮތުގެ ތަފުސީލުތައް ހާމަނުކުރުމާއި އެހީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން 16 އިންސައްތަ ހިންގުމުގެ ހަރަދާއި އެހެނިހެން ކަންކަމަށް ބޭނުން ކުރާތީ ގިނަބައެއްގެ ފާޑުކިޔުން އަންނަނީ އެޖަމިއްޔާއަށް އަމާޒުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން