އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަންނަވާ ބޭފުޅަކު މަގާމުގެ ހުވާުކުރުން މީގެކުރިން އޮންނަނީ ނޮވެންބަރުމަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް 2013 ވަނަ އަހަރު ރައީސަކު އިންތިހާބުކުރުން ލަސްވުމާއި ގުޅިގެން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ. އެހެންކަމުން 2018 ވަނަ އަހަރުވެސް ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކުރިއަށް އޮތް 5 އަހަރަށް ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުންވެސް އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. ކަލަންޑަރުގައިވާ ގޮތުން އެއީ ހުކުރުދުވަހެކެވެ.

‏އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބޭފުޅުންނާއެކު މިއަދު ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވީ ޑރ. މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރުކަމަށެވެ. އަދި އެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 4:45ގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ނިންމާފައިވާ ގޮތުން މިރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަކީ މަޖިލީހުގެ ޖަލްސާއެކެވެ. އެހެންކަމުން އެ ރަސްމިއްޔާތުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި އިސްކޮށް ހަރަކާތްތެރިވާނީ މަޖިލީހުގެ އިދާރާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން