އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ގުޅިގެން ވޯލްޑް އޮފް ޓުމޯރޯ އިން ވިލާ ނޯޓިކާގައި ބޭއްވި ކޯޗިންގެ ހާއްސަ މާސްޓަރ ކްލާސް ސީރީޒްގެ ފުރަތަމަ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިހަރަކާތުގައި ސެޝަން ނަންގަވައިދިން އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ އަކީ ދުނިޔޭގެ އެކި ޖަމިއްޔާތަކަށް ކޯޗިންގެ ގާބިލްކަން ވަރުގަދަކޮށް ތަރައްގީ ކުރުމަށް ޚާއްސަ އައިސީއެފްގެ ބިޒްނަސް ޔުނިޓް ލީޑް ކުރާ ފަރާތެވެ. ވިޔަފާރި، ހިއުމަން ރިސޯސް މެނޭޖްމަންޓް، ސޭލްސް، އޮޕަރޭޝަންސް، ލީޑަޝިޕް ކޮންސަލްޓިން، އަދި ޑައިވަރސިޓީގެ ތަޖުރިބާގެ މުއްސަނދި ގާސިއާ އަކީ ކަސްޓަމަރުންގެ ލޯޔަލިޓީ ކަށަވަރުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އާ ސްޓްރެޓެޖީތައް ތަންފީޒުކުރުމަށް އެހީތެރިވެދޭ ތަޖުރިބާކާރު ޕްރޮފެޝަނަލެކެވެ.

ރޮބަޓް ގާސިއާގެ ކޯޗިންގެ ހާއްސަ މާސްޓަރ ކްލާސްތައް ފަރުމާކޮށް އަމާޒުކޮށްފައިވަނީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ޕްރޮފެޝަނަލުންނަށެވެ. ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެން ބޭއްވި މި ސެޝަނުގައި ޖުމްލަ 212 މީހުން ބައިވެރިވެފައިވެއެވެ.



މި މާސްޓަރކްލާސްގައި ލެކްޗަރ ސްޓައިލް ފޯމެޓް ގެ ބަދަލުގައި ބައިވެރިންނާއިއެކު މަޝްވަރާކޮށް މައުޟޫޢުއަށް ވާހަކަ ދެއްކުމުގެ ފުރުސަތުތައް ލިބިގެންދިޔައެވެ. އަދި މި މާސްޓަކްލާސްއިން ލިބުނު ތަޖުރިބާގެ އަލީގައި ގިނަ ބައިވެރިންނަށް ކުންފުނީގެ މާހައުލުގައި ކޯޗިން ތައާރަފް ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަކަމަށް ފާހަގަކޮށްފައިވެއެވެ.

"ރޮބަޓް ގާސިއާގެ މާސްޓަކްލާސް އެއްގައި ބައިވެރިވުމަކީ ކޯޗިން އަށް ލޯ ހުޅުވާލި ކަމެއް. އަދި އިންޓަރެކްޓިވް ގޮތަކަށް މާސްޓަކްލާސްއެއް ކުރިއަށް ގެންދިއުމުން ކޮންސެޕްޓްތައް ނަގައިގަންނަން ވަރަށް ފަސޭހަ. މީގެ އިތުރުން ވޯލްޑް އޮފް ޓުމޯރޯގެ ނެޓްވޯކިން ސެޝަންގެ ސަބަބުން އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނު. މި އިވެންޓު ނިމިގެން ދިޔަ އިރު ޕްރޮފެޝަނަލް ނެޓްވޯކް ފުޅާވެ، ކޯޗިންއާއި ބެހޭ އެތަކެއް މައުލޫމާތު ވަނީ ދަސްވެފައި." ކޯޗިންގ ސެޝަނުގެ ބައިވެރިވި ފަރާތެއް ފާހަގަކުރިއެވެ.



މި އިފްތިތާހީ އިވެންޓަށް ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބުން މި އިވެންޓް ސީރީޒްގެ ކާމިޔާބީ ފާހަގަކޮށް، މާދަމާގެ ލީޑަރުން ބައްޓަން ކުރުމަށް އެންމެ ޒަމާނީ ޢިލްމާއި އިނޮވޭޝަން ފޯރުކޮށްދިނުމަށް ވޯލްޑް އޮފް ޓުމޯރޯގެ އަޒުމް ވަނީ އިތުރަށް ވަރުގަދަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން