ރައްޔިތުންގެ ފައިސާ ޤާނޫނުތަކާއި ޚިލާފަށް ބޭނުންކުރަން ނުވިސްނުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގައިވާ ތަފްސީލުތައް ނުހިމަނައި މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓު ހުށަނޭޅޭނެ ކަމަށް ޑިމޮކްރެޓުން ދެކޭ ކަމަށެވެ.

މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ.





މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުގެ ހަރަދުތައް ހިނގާނެތީ، މިދިޔަ ހަފްތާގައި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.



ސަޕްލިމަންޓްރީ ބަޖެޓް ތައްޔާރުކޮށް، ހުށަހަޅާފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ނޫން ކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ.

"މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ބ) އިން އެނގެނީ، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާ ނަމަ، އެ ހުށަހެޅުމެއް ތައްޔާރުކުރަން ޖެހޭނީ މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގައި ބަޖެޓު ތައްޔާރުކުުރުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ގޮތަށް." އާޒިމްގެ ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.

އެ މާއްދާތަކުގައިވާ ގޮތުގެ މަތިން، ވޭތުވެދިޔަ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލެއް ސަޕްލިމެންޓްރީ ބަޖެޓުގައި ނެތް ކަމަށް އާޒިމްގެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

އަދި ބަޖެޓުގެ ބޮޑު ބައި ހިމެނިފައިވާ ޕްލޭނިންގ މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ބަލަހައްޓާ ޚާއްސަ ބެޖެޓުން ޚަރަދުކުރާނޭ ޕްރޮގްރާމްތަކުގެ ތަފްސީލު ވަކިވަކިން އެނގެން ނެތްކަމަށްވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރަށްވެސް، ސަޕްލިމަންޓްރީ ބަޖެޓާ އެކު، ކުރިއަށް ހުށަހަޅަން އޮތް ބަޖެޓުތަކަށް ކުރާނެ އިގްތިސާދީ އަދި މާލީ އަސަރު ހާމަވާނެ ރިޕޯޓެއްވެސް ހުށަހަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށައަޅާއިރު މި އަހަރު ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުތައް ހިމެނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ ސިޓީގައި އޭނާ ވިދާޅުވެފައި ވެއެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވި ސަޕްލިމަންޓްރީ ބަޖެޓު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ހަމަޖެހިފައިއޮތަސް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އެމަސައްކަތް ކުރިއަށްގެންދެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން