ރިޔާސީ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ފެންނާނެ ގޮތަށް އާއްމުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން، އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެކަމަށެވެ. އަދި އެ މާލީ ބަޔާންތަކަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު، ހުށަހަޅާ އޮޑިޓް ރިޕޯޓްތަކަށް ވާންޖެހޭނެކަމަށެެވެ.



ހަބީބް ވިދާޅުވީ ފުރަތަމަ ބުރުގެ ކެންޑިޑޭޓުން ނޮވެމްބަރ 8 ގެ ކުރިން، އަދި ދެވަނަ ބުރުގެ ކެންޑިޑޭޓުން ނޮވެމްބަރ 29ގެ ކުރިން އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މިގޮތުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް ފައިސާގެ ހުރިހާ މުޢާމަލާތުތަކެއް، ބިލްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކުރުމާއެކު، އެ ރިޕޯޓުތައް ޢާންމުކޮށް ބެލޭނޭ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށްވެސް ކޮމިޝަނުން ބުނެފައި ވެއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން