އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް 65 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާތައް އިތުރުވެފައިވާ ގޮތާއި، އަންނާނެ އެހެން ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ/ ޚިޔާލު ލިބިފައިވާކަމަށެވެ.

އެ ކޮމިޝަނުން ބުނީ ހުށަހެޅިފައިވާ ޝަކުވާ/ ޚިޔާލުތަކަށް 2023 ނޮވެމްބަރު 5 ގެ ކުރިން އީސީ އިން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޝަކުވާ/ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީއިން ނިންމާ ނިންމުން ސަބަބާއެކު އަންގާނެ ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.



އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މަޖިލިސް ބަދަލުކުރުމަށެވެ.

މަޖިލިސް އިންތިހާބުގައި އިތުރުވި 6 ދާއިރާގެ ތެރޭގައި ހިމެނޭ ދާއިރާތައް ތިރީގައި އެވަނީއެވެ.

- ހުޅުމާލެ މެދު ދާއިރާ

- ހުޅުމާލެ އުތުރު ދާއިރާ

- ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)

- ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)

- ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

- ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)

އިލެކްޝަން ކޮމިޝަނުން އާންމުކުރި ވަގުތީ ރިޕޯޓުގައި ބުނެފައިވަނީ އެ ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށެެވެ. އަދި ބައެއް ދާއިރާތަކުގެ ނަމަށްވެސް ބަދަލު އަންނާނެ ކަމަށް ރިޕޯޓްގައިވެއެވެ.

އެގޮތުން ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ" އަށް، ކ. ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ" އަށް، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ" އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ" ގެ ނަމަށް ބަދަލުވާނެ ކަމަށް ވަގުތީ ރިޕޯޓްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން