އަހުމަދު މަސްނޫމް   24 އޮކްޓޯބަރު 2023 - 23:30
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ފެށި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު 40 ހާހަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މި ދެ ސްކީމަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެކަމަށް ކަނޑައެޅި ސުންގަޑި ހަމަވީ މިއަދުއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު ހަމަވިއިރު 40،500 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ. އެގޮތުން ބިންވެރިޔާ ސްކީމަށް 19347 ފޯމު، އަދި ގެދޮރުވެރިޔާ ސްކީމަށް 21،247 ފޯމު ވަނީ ހުށަހަޅާފައެވެ.

މިފަހަރު ހުޅުވާލި ސްކީމްގެ ދަށުން މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަނީ ގިރާވަރު ފަޅާއި އުތުރުތިލަފަޅުންނެވެ. އަދި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ.

ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނިގޮތުގައި މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5.53 މިލިއަން އަކަފޫޓެވެ. އެގޮތުން އެންމެ ކުޑަކޮށް ލިބޭނީ 1250 އަކަފޫޓުގެ ގޯތި ކަމަށާއި ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4،000 އަކަފޫޓް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން