އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހު އަންނަމަހު އިއުލާންކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުކަމަށެވެ. އަދި އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތްކަމަަށާއި އެއީ ޤާނޫނު އޮތްގޮތުން ދިމާވާ ކަމެއްކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް ނޮވެމްބަރުމަހުގެ ތެރޭގައި ޢާންމު ކުުރުމަށް މަސައްކަތް ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުންކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ފައިނަލްވުމުން، އެ ދާއިރާތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ތައްޔާރުކޮށް، އެ ލިސްޓު ބޭނުންވާ ފަރާތްތަކަށް ޙިއްސާ ކުރުމަށްޓަކައި، 2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ދުރާލާ ޢާންމު ކުރުމަށްވެސް އީސީއިން ދަނީ މަސައްކަތް ކުރަމުންކަމަށް ހަބީބް ވިދާޅުވިއެވެ.



2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތަފާސް ހިސާބުތަކަށް ބައްލަވާލައްވަމުން ހަބީބް ވިދާޅުވީ އެ ފަހަރު އިންތިހާބު އޮތީ 2019 އޭޕްރިލް 6 ވަނަ ދުވަހުކަމަށެެވެ. އަދި އެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވީ 264،442 މީހުންނަށްކަމަށާއި ވޯޓުދިނީ 215،053 މީހުންކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 81.32 އިންސައްތަ އެވެ.

އެ ފަަހަރުގެ އިންތިޚާބަށް ކުރިމަތިލީ 407 ކެންޑިޑޭޓުންނެވެ. އެއީ އެމް.ޑީ.ޕީ 86، ޑީ.އާރު.ޕީ 5، ޢަދާލަތު 9، ޖޭޕީ 41، ޕީ.ޕީ.އެމް 26، އެމް.ޑީ.އޭ 8، އެމް.ޓީ.ޑީ 8، ލޭބަރ ޕާޓީ 11، ޕީ.އެން.ސީ 23، އަމިއްލަގޮތުން 190 މީހުންނެވެ. ނަން އަނބުރާ ގެންދިޔައީ 16 މީހުންނެވެ. އަދި 5 މީހެއްގެ ކެނޑިޑަސީ ބާތިލުކުރިއެވެ. އިންތިޚާބުގައި 386 ކެނޑިޑޭޓުން ވާދަކުރިއިރު ހޮވުނީ 83 ފިރިހެން މެންބަރުންނާއި، 4 އަންހެން މެންބަރުންނާއެކު ޖުމްލަ 87 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން