ފަލަސްތީނުގެ ރައްޔިތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ދިވެހި ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވާފައިވާކަމަށެވެ.



ޝާހިދު ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން މި ފުރުޞަތުގައި ތަކުރާރުކުރައްވާ ކަމަށެވެ.

ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ޣައްޒާއަށް 2 މިލިއަން މަސްދަޅު ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށް ގެންދާ ޢަސްކަރީ ޙަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހި ސަރުކާރާއ ިދިވެހި ރައްޔިތުންގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް ވެދެއްވުމުގެ ގޮތުންކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިާބރާތުން ކުށްވެރިކުރަމެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޙަމަލާތައް ވަޤުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ކުރިން ގޮވާލި ގޮވާލުން ތަކުރާރުކުރާކަމަށްވެސް ބަޔާނުގައިވެއެވެ.

ސަރުކާރުގެ އިތުރުން ދިވެހި ރައްޔިތުންވެސް ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަމުންނެވެ. މީގެއިތުރުން ސަރުކާރު ކުންފުނިތަކުންވެސް ގެންދަނީ އެހީ ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން