ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުވާ 55 މިލިޔަން ޑޮލަރުގެ މަޝްރޫޢުއެއްގައި އެމްޓީސީސީން ސޮއިކުރި ކަމަަށް ބުނެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރު އެއީ ދޮގު ޚަބަރެއް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 24 އޮކްޓޫބަރުގައި "ދިޔަރެސް" ނޫހުގައި ޝާއިޢުކޮށްފައިވާ އެ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

އެކުންފުނިން ބުނީ މިފަދަ ވާހަކަތަކަކީ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ކުރަން ދައްކާ ވާހަކަތަކެއް ކަމަށެވެ.

އެނޫހުގައި އިޝާރާތްކޮށްފައިވާ މަޝްރޫއަކީ ބައިނަލްއަޤުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭގައި ކުރިއަށްދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއަކަށްވެފައި ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން މި މަޝްރޫޢު ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް ކަމުގައި އެމްޓީސީސީން ފާހަގަކޮށްފައި ވެއެވެ. އަދި މި މަޝްރޫޢުގެ ކްލަޔަންޓާއިއެކު މަޝްވަރާކުރަމުންދާ މިދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާއިމެދު ސުވާލު އުފެއްދުމުގެ މަޤުސަދުގައި މިފަދަ ހަޤީގަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން މި މަޝްރޫޢު ކުންފުންޏަށް ގެއްލިދާނެ ކަމުގެ ކަންބޮޑުވުންވެސް އެމްޓީސީސީގެ ބަޔާނުގައި ފާޅުކޮށްފައި ވެއެވެ.

އަދި މިވަގުތު މަޝްވަރާކުރަމުންދާ މިފަދަ އެހެން މަޝްރޫޢުތަކާއި ކުރިއަށް ލިބޭނެކަމަށް ލަފާކޮށްފައިވާ މަޝްރޫޢުތަކަށްވެސް މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެތަކެއް ގެއްލުމެއް ކުރިމަތިވެ، ކުންފުނީގެ ޙިއްސާދާރުންކަމަށްވާ ދިވެހި ސަރުކާރާއި އާންމު ޙިއްސާދާރުންނަށް ލިބޭނެކަމަށް ލަފާކުރި ނަފާ ގެއްލުމުގެ ފުރުސަތުވެސް މިހާރު އިތުރުވެފައިވާ ކަަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ވޭތުވެދިޔަ 4 އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން "ޕްރައިސިން ޕޮލިސީ" ގެ ނަމުގައި ކުންފުނިން ކުރާ ވިޔަފާރީގައި ފައިދާގެ އިންސައްތަ ހިމަނާނެ މިންވަރު ބަޔާންކުރާ ޕޮލިސީއެއް އެކަށައަޅާފައިވާ ކަމަށެވެ. އެގޮތުން، ކުންފުނިން ކުރިމަތިލާ ކޮންމެ ވިޔަފާރި މުޢާމަލާތެއްގައި އިސްވެދެންނެވުނު ޕޮލިސީގައި ބަޔާންކޮށްފައިވާ ފައިދާގެ މިންވަރަށް ވުރެ ދަށްކޮށް މަޝްރޫއެއް ކުރިއަށްގެންދަން ކުންފުނީގެ މެނޭޖްމަންޓުން ބޭނުންވާނަމަ އެކަން ކުރިއަށްގެންދަން ކަޑައްތުކުރަންޖެހޭ މަރުހަލާތައްވެސް، އެ ޕޮލިސީގައި ބަޔާންކޮށްފައިވާނެކަން އެމްޓީސީސީން ބުނެފައި ވެއެވެ.

"އެހެންކަމުން، ވަކި އިންސައްތައަކަށްވުރެ ވިޔަފާރީގެ މުޢާމަލާތުގެ ފައިދާ ކުޑަކަމުގައި ވަނީނަމަވެސް، ޖުމުލަކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތު އިތުރުވާނެ ނުވަތަ ކުންފުނީގެ ވަނަވަރަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއް ނުވަތަ މުޢާމަލާތެއް ކަމުގައި ވާނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިޒުނައާއިއެކު ކުރިއަށް ދިއުމަށް އެ ޕޮލިސީން ހުރަހެއް ނާޅާނެއެވެ." އެމްޓީސީސީގެ ބަޔާނުގައިވެއެވެ.







މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ ކުންފުނީގެ އިސްވެރިންތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ބޭނުމުގައިކަމަށް ތުހުމަތުކޮށް ފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު މިބަޔާނުގައި މިފަދަ ޚަބަރެއް ޝާއިޢުކުރުމުގެ ސަބަބުން ކުންފުންޏާއި މެދު އޮތް އިތުބާރު ފަނޑުވުމުގެ އިތުރަށް ޤައުމުގެ އިޤްތިޞާދަށްވެސް އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީންވަނީ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި ޢާންމު ރައްޔިތުންނާއި ކުންފުނީގެ ވިޔަފާރީގެ ބައިވެރިންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭގޮތަށް މިފަދަ ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އިލްތިމާސްކޮށްފަވެއެވެ. އަދި ދިވެހި ސަރުކާރާއި ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންނާއި އަދި ވިޔަފާރީގެ އެންމެހައި ބައިވެރިން ކުންފުންޏަށް ކުރަމުންދާ އިތުބާރަށް އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން