ފަލަސްތީނުގެ ވެރިރަށް ޣައްޒާގައި އިޒްރޭލުން ލާއިންސާނީ ޖަރީމާތައް ހިންގާތީ، އިޒްރޭލުން އުފައްދާ، އެކްސްޕޯޓްކުރާ މުދާ ރާއްޖެއަށް އެތެރެނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގާ ޤަތުލުޢާންމު ކުށްވެރިކުރައްވައި ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ޙުސައިން ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ އިޒްރޭލަކީ ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި މުސްލިމުންނަށް ވެތިބެ އެ މަންޒަރުތައް ބަލަން ހިތަށް ކެތްނުވާއިރު، ރާއްޖެއާއި އިޒްރޭލާއި ދެމެދު އެއްވެސް މުއާމަލާތެއް ހިންގުން މަނާކުރުމަކީ އެއީ ކުރެވިދާނެ ކަމެއްކަން ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވަނީ ފާހަގަކުރައްވާފައެވެ.

ޔާސިރު ވިދާޅުވީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ބަޔާންތައް ނެރުމުގެ އިތުރަށް ކުރެވިދާނެ ކަންތައްތަކަށްވެސް ބަލަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެއްވެސް އޮފިޝަލަކު އިޒްރޭލާއި މުއާމަލާތް ނުކުރުމަކީ އެއީ މިހާރުވެސް ކުރެވިދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ހުށަހެޅުމަކީ، ހިނގާށޭ އަޅުގަނޑުމެން އެހެން ސްޓެޕަކަށް ދާން. ޤާނޫނެއްގެ ސިފައިގައި، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ތައާރަފްކުރަން އަދި ތަންފީޒުކުރަން. އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުން އެއް ކަމަކަށް. އިޒްރޭލުން އެތެރެކުރާ މުދާ ހުއްޓުވައިލުން ދެވަނަ ކަމަކަށް." ޔާސިރު ވިދާޅުވިއެވެ.

ވަރަށް ގިނަ މެންބަރުން މިއަދު ވެސް ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ދަތުރުނުކުރެވޭނެ ގޮތް ހެދުމަށް ގޮވާލާފައެވެ.

"އިޒްރޭލްގެ އެއްވެސް ރައްޔިތަކަށް މިހަނގުރާމަތައް މިގޮތަށްކޮށް ބައިނަލްގުވާމީ ގާނޫނުތަކަށް ނުބަލާ އެކަން ހިންގާހާ ހިނދެއްގައި އިޒްރޭލުގެ ރައްޔިތުން ވަނުމަކީ އަޅުގަނޑު ވެސް އެދޭ ކަމެއް ނޫން. އަދި އިޒްރޭލުގެ އެއްވެސް އުފެއްދުމެއް ދިވެހިރާއްޖެއަށް އެތެރެކުރާނަމަ އެކަމެއް ވެސް ހުއްޓާލަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެންނަށް ކުރެވޭނީ މިފަދަ ބައެއް ކަންކަން. އަޅުގަނޑުމެންނަކީ ހަނގުރާމައެއްކޮށް އެކަމަށް ގާބިލް ބައެއް ނޫން." ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެފަވެއެވެ.

މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވަނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް މި މަސައްކަތުގައި ސަރުކާރާއި ރާއްޖޭގެ ސިޔާސީ ޕާޓީތައް ވެސް ބައިވެރިވާން ގޮވާލައްވާފައެވެ. ރާއްޖޭގައި ތިބެގެން އިސްރާއީލުގެ ބައެއް ރައްޔިތުން އެގައުމަށް ތާއީދުކުރާކަން ހާމަކުރަމުންދާ ކަމަށް ފާހަގަކުރައްވައި ރާއީ ވިދާޅުވީ އެފަދަ މީހުން ރާއްޖެއިން ޑީޕޯޓްކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އިޒްރޭލު ރައްޔިތުންނަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ބައެއް ބޭފުޅުން އެކަމުންވެސް ސިޔާސީ މަންފާއެއް ހާސިލުކުރައްވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މަޖިލީހުގެ މެންބަރުން މިފަދައިން ވާހަކަދައްކަވަމުންދާއިރު އިޒްރޭލުގެ ފަތުރުވެރިން ރާއްޖޭގައި ރާޅާ އަޅާ އުޅޭ ކަމަށް ބުނެ ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަނުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން