އިންތިހާބުތައް އިންސާފުވެރިކޮށް، މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މަޖިލީހަށް މި ގަރާރު ހުށަހެޅީ ދަ ޑިމޮކްރެޓްސްގެ މެންބަރު މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީއެވެ. މިއަދު ނެގި ވޯޓުގައި، ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 55 މެންބަރުންގެ ތެރެއިން ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވީ އެންމެ 15 މެންބަރުންނެވެ. އަދި 27 މެންބަރުން ވަނީ ގަރާރު ބަަލައިނުގަންނަން ވޯޓު ދެއްވާފައެވެ. ގަރާރު ބަލައިގަތުމަށް ބޭނުންވާ 22 ވޯޓު ނުލިބުމުން، މި ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ބޭފުޅުން ވާދަ ކުރައްވާ އިންތިހާބުތަކުގެ ކެމްޕެއިން ދަތުރުތައް ސަރުކާރުގެ ރަސްމީ ދަތުރުތަކާ އެއްކޮށްލައިގެން، ދައުލަތުގެ ފައިސާ އާއި ވަސީލަތްތަކާއި މުވައްޒަފުންގެ ބޭނުންކޮށް އިންތިހާބަށް ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށް މި ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

ސަރުކާރުގެ ވުޒާރަތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭނުގެ ހަރަކާތްތައް ހިންގަމުންދާ ކަމަށާއި އިންތިހާބުތަކުގައި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ މަގާމުތައް އިތުރުކޮށް ވަޒީފާތައް ބޭނުންކޮށްގެން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް މި ގަރާރުގައި ބުނެފައި ވެއެވެ. އަދި މިވެނި ގޮތަކަށް ވޯޓު ނުދީފިއްޔާ ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން ވޯޓު ހޯދަން އިންޒާރުދީފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ.

އަދި ހަމައެއާއިއެކު، ދައުލަތުގެ މީޑިއާއިން ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ފުރުޞަތު ނުދީ ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓަށް ކެމްޕެއިންކޮށްދޭ ކަަމަށްވެސް މި ގަރާރުގައި ބުނެފައި ވެއެވެ.

މި ސަބަބުތަކާއި ހުރެ، ސަރުކާރުން އިންތިޚާބުތަކުގެ އިންސާފުވެރިކަމާއި މިިނިވަންކަން ކަށަވަރުކުރުމަށް މި ގަރާރުގައި ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން