ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ކުރިއަށް ނުގެންގޮސްފިނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ނިއްމައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ވޯޓަށް އެހުމަށް ފަހު ނޫނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ނުކުރަން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އަދި އެމައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކުރީފަހަރާ ހިލާފަށް މިފަހަރު، ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި ގަދަ ބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުމަށް ރައީސް ނަޝީދަށް އަސްލަމް ވަނީ ގޮވާލައްވާފައެވެ.

"މަޖިލީހުގެ އިތުބާރު ނެތީމަ، ދެން އިތުބާރު ނެތްކަން ގަބޫލުފުޅު ކުރައްވައި ފަހަތަށް ޖެހިވަޑައިގަތުން އަސްލުގައި ގައުމަށްވެސް އެންމެ ފައިދާހުރި ގޮތަކީ،" މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި އަސްލަމް ވިދާޅުވި އެވެ.

ނަޝީދު މަގާމުން ވަކިކުރަން ވޯޓް ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ހިލާފަށް އެމަނިކުފާނު ތަކުރާރުކޮށް އަމަލު ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން