މިހާރު މި ފެންނަނީ ވެރިކަން ކުރި މީހެއްގެ ކިބައިން ފެންނަން އުއްމީދުކުރި ކަމެއްނޫން ކަމަށް ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް މެމްބަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިމޭރުމުން ވިދާޅުވެފައި ވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުން އިތުރު މަސައްކަތެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ. އެގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ފުރުސަތު ނޭރުވުމާއި، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށްވެސް ރުހުން ނުދޭނެކަމަށް އެމްޑީޕީން އިއްޔެ ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވަމުން މިސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރެއްވި ޝިފާޒް ވިދާޅުވީ، މިހާރު މި ފެންނަނީ ވެރިކަން ކުރި މީހެއްގެ ކިބައިން ފެންނަން އުއްމީދުކުރެއްވި ކަމެއްނޫން ކަމަށެވެ. އަދި އެމްޑީޕީއަށް ދެންވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އޮމާންކަމާއެކު ކަންތައްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުންކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމަށްވެސް ޝިފާޒް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން އަޑިއަށް ދާއިރު ބޮތްކެއް ޖެހުމަކީ ޙަޤީޤަތެއް ކަމަށާއި، ވެގެންއުޅޭގޮތް އެންމެންނަށްވެސް ސާފުކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް އެމްޑީޕީގެ މެންބަރުން ދިން ރިޔާސީ ޓިކެޓު ރައީސް ޞާލިޙަށް ދިނުމަށްފަހު ވެރިކަމުގެ ދައުރެއް ދީގެންވެސް ހިތެއް ނުފުރުނު." ޝިފާޒް ވިދާޅުވެފައިވެއެވެ.



އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއަޅާނެކަމަށް އެމްޑީޕީން ބުނެފައިވާއިރު، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ އެއީ އެއްވެސް ހަމައަކުން ބަލައިގަންނާނެ ނިންމުމެއް ނޫންކަމަށެވެ. އަދި މިއީ އިންތިޚާބުގައި ނާކާމިޔާބުވި ކެންޑިޑޭޓު އަންގަވައިގެން ހިންގާ ޢަމަލުތަކެއްކަމަށް ޑިމޮކްރެޓުން ތުހުމަތު ކޮށްފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ ނިންމުމަށާއި، ޤާނޫނު އަސާސީގެ ޙުރުމަތަށާއި، ޑިމޮކްރެސީގެ އަސާސްތަކާއި، މަކާރިމުލް އަޚްލާޤުގެ ހަމަތަކަށް ރުޖޫޢަވުމަށް ޑިމޮކްރެޓުން ވަނީ އެމްޑީޕީއަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަބްދުﷲ ނަޞީރު.

27-Oct-2023

ކެހިވަރަކަށް ދާނީ ހުޅުނބު, ކުރިޔަށް ވެސް އިބްތިޚާބުތައް އެބަހުރި އެމްޑީޕީ އެބަޖެހޭކަންނޭގެ ގައުމު އިތުރަށް ހަލަބޮލި ނުކޮށް ކުރިޔަށް ހުރި އިންތިޚާބުތަކާ ދޭތެރޭ ތަންކޮޅެއް ސީރިއަސްކޮށް ވިސްނައިގެން އޮމާން މަޑުމައިތިރި ރީތި އުޅުމެއް ރައްޔިތުންނަށް ދައްކައިގެން ކުރިޔަށް އޮތް 2 އިންތިޚާބުން ހެޔޮ އެއްޗެއް ލިބޭތޯބަލަން. ހަސަދައަކުން ފޮނި މީރުކަމެއް ނުލިބޭނެ ރައީސް ނަޝީދުއާ އެއްވެސް ކަމަކުން ޗެލެންޖް ކުރެވޭނެ ސިޔާސީ މީހަކު އެމްޑީޕީއަކު ހުރިކަމަކަށް ގިނަ ރައްޔިތުން އެއްވެސް އިރަކު ގަބޫލު ނުކުރާކަން ޚުދު އެމްޑީޕީ ގެ މިހާރުގެ އިސްވެރިންނަށް އެބަ އެނގެންޖެހޭ!



ޓްރެންޑިން