އެއްވެސް ކޫރުމެއް، ކިލަނބުކަމެއް އަދި ބަހުސެއް ނުއުފެދޭ ގޮތަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ އިޖުރާއަތު ފުރިހަމަކުރުމަށްޓަކައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ހުރަސް ނާޅާ އެކަން ނިންމަން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ވިދާޅުވީ އެމްޑީޕީއިން ވަނީ ރިޔާސީ އިންތިޚާބުގައި ބަލި ޤަބޫލުކޮޮށް ޑރ. މުޢިއްޒު ހޯއްދެވި ކާމިޔާބީ ޤަބޫލުކޮށްފައި ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ދޭންޖެހޭ އެއްބާރުލުން ދަނީ ދެމުން ކަމަށާއި އައު ރައީސާއި ސަރުކާރު ހަވާލުކުރުމަށް އެއްވެސް ހުރަހެއް އަޅަން އެމްޑީޕީން ނޫޅޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ.



އިތުބާރު ނެތިދާ ޙާލަތެއް މަތިވެއްޖެނަމަ މަޖިލީހުގެ ރައީސަކަށް ހުންނަވާ ފަރާތެއްގެ ކިބައިން އޮތޯރިޓީ ވަކިވެދާތީއާއި މިވަގުތަކީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި އޮތް ވަގުތަކަށްވާތީ އެމައްސަލަ ނުނިންމާ ދިޔުމުން ބައެއް ކަންކަމާއިމެދު ޤާނޫނީ ބަހުސް އުފެދޭނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވާއިރު މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންގޮސްފިނަމަ މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި ނަޝީދުގެ ރިޔާސަތުގައި ޑރ. މުއިއްޒު ހުވާކުރައްވައިގެން ހުށައަޅާ ކެބިނެޓަށް ވެސް ރުހުން ނުދޭނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގައެވެ.

މީގެކުރިން ވެސް އެމައްސަލަ ހުށައަޅައިގެން ކުރިއަށް ނުގޮސް މަޖިލީހުގެ މަސައްކަތްތައް ވެސް އޮތީ ހުއްޓިފައެވެ. އެމްޑީޕީ އެ މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ އެއްބާރުލުން ހޯދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން