މަޖިލީހުގެ ރައީސްގެ ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށްގެންދަނިކޮށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލީސް 'ހިސޯރު' ކުރައްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމިހުރެވޭނެ މަގާމެއްނޫން ކަމަށެވެ. އަދި އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް އެ ޕާޓީން ދެކޭ ކަމަށް ބުނެފައި ވެއެވެ.

މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުން ކަމުގައި އެމްޑީޕީން ބުނެފައި ވެއެވެ. އެހެންނަމަވެސް މަޖިލިސްގެ ރައީސްގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާތަން ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.



ރިޔާސީ އައު ދައުރެއްގެ ފެށުން ކައިރިވެފައިވާ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ފުރުސަތެއް ނުދޭނެ ކަމަށް ވެސް މިބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން އިންތިހާބީ ރައީސާއި ނައިބްރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށާއި އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެ ކަމުގެ ޔަޤީންކަން ޕާޓީގެ ފަރާތުން ވަނީ ދީފައެވެ.

ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ޤާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރަށް ވާއިރު، ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމުމަށް އެމްޑީޕީން ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން