ހދ. އަތޮޅުގެ ފިނޭ ސްކޫލުން އެ ސްކޫލުގެ ބެލެނިވެރިން އަތުން ޗަންދާ ނަގާ އުޅޭކަމުގެ ވާހަކައެއް ފެންމަތިވެއްޖެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ ބެލެނިވެރިޔެއް ވަނީ ސްކޫލުން ބެލެނިވެރިންނަށް މި މަހުގެ 12 ވަނަ ދުވަހު އަދި 15 ވަނަ ދުވަހު ފޮނުވި 2 ލިޔުމެއް "ރަސް އޮންލައިން"އާއި ހިއްސާ ކޮށްފައެވެ. ލިޔުމުގައި ލިޔެވިފައިވާގޮތުގައި 17 އޮކްޓޫބަރގައި ސްކޫލުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ މަސައްކަތު ދުވަހުގައި ވަރަށް ގިނަ ބެލެނިވެރިން ރަށުގައި ނެތުމުގެ ސަބަބުން އެ މަސައްކަތް އަންނަ ހޮނިހިރު ދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެމުން ބެލެނިވެރިޔާ ވިދާޅުވީ ސްކޫލުން ވަރަށް ކުރީއްސުރެ ބެލެނިވެރިން އަތުން ކޮންމެ މަހަކު ކަހަލަ ގޮތަކަށް ޗަންދާއެއް ނަގާ ކަމަށެވެ. އަދި ސްކޫލުން ބެލެނިވެރިންނަށް ބައިވެރިވާން އަންގާ ހަރަކާތްތަކުގައި ބައިވެރިނުވުމުން ބަދަލުގައި 100 ރުފިޔާއާއި ހަމައަށް އަރާ އަދަދެއްގެ "ޖޫރިމަނާއެއް" ބެލެނިވެރިން އަތުން ނަގާ ކަމަށެވެ. އެހެން ނަމަވެސް، މިފަހަރު މި އަދަދު 500 އަށް ބޮޑު ކުރުމުން ބެލެނިވެރިޔާ ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކުރީއްސުރެ ޗަންދާ ނެގުމާއި ދެކޮޅަށް ޝަކުވާކޮށްފިނަމަ ބެލެނިވެރިންނާއި ޒާތީވެފައި ދަރިވަރުންގެ ދޭތެރޭގައި ތަފާތުކުރުންތައް ސްކޫލުން ގެންގުޅޭތީ މިކަމުގެ ވާހަަކަ ބެލެނިވެރިން މާބޮޑަށް ދައްކާ ނޫޅޭ ކަމަށް އޭނާ ބުނެދީފަވެއެވެ.

ބެލެނިވެރިޔާ ބުނީ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް ސްކޫލާއި ހަވާލުވީ ފަހުން ނަގާ އަދަދު ބޮޑުވި ކަމަށެވެ. އަދި ކުރީގައި ހުރި ބިދޭސީ ޕްރިންސިޕަލް އުޅުނު އިރު، އެއަށްވުރެ ކުޑަ އަދަދެއް ނަގާ ކަމަށް ބެލެނިވެރިޔާ ކިޔާދިނެވެ.

އޭގެ އިތުރަށް ބެލެނިވެރިޔާ ބުނީ މީގެ ކުރީގައި ވަކި ދުވަހަކަށް ޗަންދާ ނަގަން ކަނޑައަޅާފައި ނުވީ ނަމަވެސް މިހާރު މަހުން މަހަށް ޤަވާއިދުން ވަކި ދުވަހެއްގައި ޗަންދާ ނަގާ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބެލެނިވެރިން އަތުން މަޖުބޫރުން ނަގާ ފައިސާތައް ބޭނުންކުރަނީ ކޮންކަމަކަށް ކަމެއްވެސް ސްކޫލުން ހާމަކޮށްފައި ނުވާ ކަމަށްވެސް ބެލެނިވެރިޔާ މަޢުލޫމާތު ދީފަވެއެވެ.

"މިފަހަރު މާ ބޮޑު އަދަދަކުން އަސްލު ޖޫރިމަނާ ކުރަނީ. ކޮންމެ މަހަކު ނުވަތަ ހަފްތާއަކު ޗަންދާ ނަގާ އެމީހުން ކަމެއް ބޭނުންވެއްޖެއްޔާ. އަބަދުއްސުރެ އެހެން ކަންތައް ކުރަމުން ދަނީ. މަދު ބަޔަކު އެކަމަށް ތާއީދުކުރަނީ. ދެން ތިބި މީހުން އެއްޗެކޭ ބުނެފިއްޔާ ޒާތީވޭ. އެ ރުފިޔާއިން ޚަރަދުކުރަނީ ކޮން ކަމަކަށް ކަމެއްވެސް ހާމަނުކުރޭ" ބެލެނިވެރިޔާ ބުނެފަވެއެވެ. ބެލެނިވެރިޔާ ބުނާ ގޮތުގައި "މަސައްކަތު ދުވަހު"ގައި ބެލެނިވެރިން ލައްވާ ރަށުތެރެ ސާފުކުރުން ފަދަ މަސައްކަތްތައް ކުރުވާ ކަމަށެވެ.

އޭނާ ބުނީ މިކަމާއި ގުޅޭގޮތުން ފިނޭ ކައިރީގައި ހުންނަ އެހެން ސްކޫލުތަކާއި ސުވާލުކުރުމުން އެ ސްކޫލުތަކުންވެސް ބެލެނިވެރިން އަތުން ޗަންދާ ނަގަން ނުޖެހޭނެ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ މިކަމުގެ ޝަކުވާ އެއްވެސް ފަރާތަކުން ކަމާއި ގުޅުންހުރި ރަސްމީ އިދާރާއެއްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޔަގީން ނުވާ ކަމަށެވެ.

މިކަމާއި ބެހޭގޮތުން"ރަސް އޮންލައިން"އިން ސްކޫލުގެ ޕްރިންސިޕަލްއާއި ގުޅަން މަސައްކަތްކުރުމުން، ޕްރިންސިޕަލް ފޯނަށް ޖަވާބު ދީފަނުވެއެވެ. އެހެން ނަމަވެސް، ސްކޫލުގެ ލީޑިންގ ޓީޗަރަކާއި ވާހަކަދެއްކުމުން އޭނާ ވަނީ މިވާހަކަ ދޮގުކޮށްފައެވެ. އޭނާ ބުނީ ސްކޫލުން ޗަންދާ ނުނަގާ ކަމަށެވެ. އެކަމަކު، އޭގެ އިތުރަށް އޭނާ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފަ ނުވެއެވެ.

"ސްކޫލުގެ ބޭނުމަކަށް ޗަންދާއެއް ނުނަގާނެ. ބައެއް ފަހަރުފަހަރު ބާއްވާ (ބެލެނިވެރިންގެ މަސައްކަތު ދުވަސް). މަސައްކަތު ދުވަހުގައި ކުރާނީ މަސައްކަތްތައް ނޫންތޯ" އޭނާ ބުނެފަވެއެވެ.



ބެލެނިވެރިޔާ ހިއްސާކުރި ލިޔުމުގައި ބުނާގޮތުންނަމަ ބެލެނިވެރިންގެ ފަންޑް އިތުރުކުރުމަށް 4 ކަމެއް ކުރިއަށްގެންދިއުމަށް ސްކޫލުން ނިންމާފަވެއެވެ. އެއީ:

1- ކޮންމެ ބެލެނިވެރިޔަކު މަހަކު 50 ރުފިޔާގެ ޗަންދާއެއް ހިނގާ މަހުގެ 10ގެ ކުރިން ދެއްކުން

2- 17 އޮކްޓުބަރ 2023 ވާ އަންގާރަ ދުވަސް މަސައްކަތު ދުވަހެއްގެ ގޮތުގައި މަސައްކަތްކުރުން

3- ކާބޯތަކެތީގެ މައުރަޒެއް ބޭއްވުން

4-ޖަމްބަލް ސޭލެއް ބޭއްވުން



"11 އޮކްޓޫބަރ 2023 ވީ (ބުދަ) ދުވަހުގެރޭ ބެލެނިވެރިންގެ ޢާންމު ބައްދަލުވުމުން ވަނީ ބެލެނިވެރިންގެ ފަންޑް އިތުރުކުރުމަށް ކުރިއަށްގެންދާނެ ކަންތައްތަކެއް ނިންމަވާފައެވެ. ނޮވެމްބަރު މަހުން ފެށިގެން ޤަވާއިދުން ބެލެނިވެރިންގެ ޗަންދާ 10ގެ ނިޔަލަށް ބެލެނިވެރިންގެ އެކައުންޓަށް ޓްރާންސްފާ ކުރުން ނުވަތަ ސްކޫލު އޮފީހަށް ދެއްކުން. ސްލިޕް ބެލެނިވެރިންގެ ގްރޫޕްގައި ހިއްސާ ކުރުން" ފިނޭ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ކަމަށް ބުނާ ލިޔުމުގައި ބުނެފަވެއެވެ.

މީގެ އިތުރަށްވެސް، މަސައްކަތު ދުވަސް އަދި މައުރަޒުފަަދަ ހަރަކާތްތަކުގައި ބައިވެރިނުވެވޭ ފަރާތްތަކުން އެކަމުގައި ބައިވެރިވުމުގެ ގޮތުން ބަދަލުގައި މީހަކު ނުވަތަ 500 ރުފިޔާ ދެއްކުމަށް ބުނެފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޢަހުމަދު

27-Oct-2023

ތިއީ ވަރަށް ގިނަ ސުކޫލު ތަކުގަ އާމު ކަމެއް މިހާރު ހިލޭ ކިޔަވާ ދިނުމުގެ ނަމުގަ ބެލެނިވެރިން ފެލަނީ .މިކަހަލަ ކަންކަން އެބަޖެހޭ އެޑިއުކޭސަން މިނިސްޓްރީ ވެސް ބަލަން .



ޓްރެންޑިން