ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއްކޮށްފަ ނޯންނާނެކަމަށް ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ އެފްއޭއެމުން މިއަދު ބުނެފިއެވެ.

އެފްއޭއެމުން މިއަދު މިހެން ބުނެފައި މިވަނީ ބައިނަލްއަގްވާމީ އިދާރާތަކުން ދޭ ފައިސާ އެފްއޭއެމްގެ ވެރިން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާއާ ގުޅޭގޮތުން ދައްކަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އަދި ޒާތީ ބޭނުމަށް ކުރިމަތިކުރާ ކަންކަމަށް ރައްދު ނުދީ ނުތިބޭނެކަމަށެވެ.

އެފްއޭއެމުން ބުނީ އެ އިދާރާގެ އެއްވެސް ވެރިޔަކުވެސް މުވައްޒަފަކުވެސް އަދި އެއްވެސް މެންބަރަކު ވެސް ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެކަމަށެވެ. އަދި އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ އެންމެހާ ތުހުމަތުތަކަށް ފުޓްބޯޅައިގެ ހައްގުގައި އެ އިދާރާގެ މެނޭޖްމެންޓުން ކުރިމަތިލާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެފްއޭއެމުން ބުނީ އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީ ފޮނުވާ ފައިސާތައަކީ ކޮންމެ އަހަރަކު އޮޑިޓް ކުރެވޭ އެހީތަކެއްކަމަށެވެ. އަދި މިހާރު އެ އިދާރާއަށް ކުރެވިފައި އޮތް ތުހުމަތުތަކާ ގުޅިގެން ކުރިއަށްދާ ތަހްގީގަށް އެއްބާރުލުން ދޭނެކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

އެފްއޭއެމުން ބުނީ އެފްއޭއެމް ހިންގުމުގައި މުސްތަގިއްލުކަން ގެއްލުވާލައި ނުފޫޒު ފޯރުވާނަމަ ރާއްޖެއާ ދެކޮޅަށް ފީފާ އާއި އޭއެފްސީން ފިޔަވަޅު އަޅާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން