އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބްލޫމްބާގްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެހެން ޤައުމުތަކާއި އެއްކޮށް ޚާރިޖީ ގުޅުން ގާއިމުކުރިޔަސް، ދިވެހިންގެ އަމިއްލަ ސިޔާދަތީ މިނިވަންކަން ތާއަބަދު ދެމިއޮތުމަކީ އެމަނިކުފާނާއި ދިވެހިންވެސް ބޭނުންވާގޮތުް ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާގެ 70 ވަރަކަށް މީހުން ނިއުދިއްލީން ސްޕޮންސަރ ކުރާ ރާޑަރ ސްޓޭޝަންތަކާއި ސަވައިލެންސް މަތިންދާބޯޓުތައް ބަލަހައްޓަން ރާއްޖޭގައި އެބަތިބި ކަމަށް ބްލޫމްބާގުން ބުނެފައި ވެއެވެ. އަދި އިންޑިއާގެ ހަނގުރާމަމަތީ މަނަވަރުތަކުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލް ކުރުމަށް އެހީތެރިވެދެމުން ދާކަމަށް ވެސް އެނޫހުން ބުނެފައި ވެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ ސަރުކާރާއެކު އެގައުމުގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށާއި އެ މަޝްވަރާތައް "މިހާރުވެސް ވަރަށް ކާމިޔާބު" ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދެގައުމުގެ ގުޅުމަކީ ދެގައުމަށް ވެސް ފައިދާހުރި ގުޅުމަކަށް ގުޅުންތައް ބައްޓަންކުރަން،"

ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިންގެ ބަދަލުގައި އެހެން ގައުމުތަކުގެ ސިފައިން ރާއްޖެ ނުގެންނަވާނެ ކަމަށެވެ. އިންޑިއާގެ އަސްކަރީ މުވައްޒަފުން ރާއްޖެއިން ބޭރުކުރުމަށް އެދުމަކީ އެއްވެސް ގޮތަކަށް "ޗައިނާއަށް ނުވަތަ އެހެން ގައުމެއްގެ އަސްކަރީ ސިފައިން މިތަނަށް ގެނައުމުގެ ހުއްދަ ދޭން އުޅޭކަން" ދޭހަވާ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު މިފަދައިން ވިދާޅުވެފައިވާއިރު އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ އިންޑިއާއިން މައްސައްކަތް ކުރަނީ ރާއްޖޭގެ ލާބައާއި މަންފާއަށް ކަމަށެވެ.

ދެގައުމުގެ ކަނޑުގެ ސަލާމަތީ އެއްބާރުލުމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ބެހޭގޮތުން އިންޑިއާގެ ޚާރީޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ އިންޑިއާއިން ބޭނުންވަނީ ރާއްޖެއަށް އެކި ރޮނގުތަކުން އެއްބާރުލުން ދިނުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ގުޅުން ބާއްވަން ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާއިން މިދިޔަ ފަސް އަހަރުގެ ތެރޭގައި 523 ދިވެހިންގެ ފުރާނަ ސަލާމަތްކުރުމުގައި އެހީތެރިވެދީ 500 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ބަގްޗީ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް 2018 ވަނަ އަހަރު ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ މާލީ ޕެކޭޖެއް އިންޑިއާއިން ދީފައިވާ ކަމަށް ވެސް ބަގްޗީ ވިދާޅުވިއެވެ. އޭގެ ފަހުން 2020 ވަނަ އަހަރު މާލެއާއި ކައިރީގައިވާ ބައެއް އަވަށްތައް ގުޅުވައިދޭ ބްރިޖާއި ކޯޒްވޭ ހެދުމަށް 500 މިލިއަން ޑޮލަރު ދީފައިވާ ކަމަށްވެސް ބަގްޗީ ފާހަގަކުރައްވާފައި ވެއެވެ.



މީގެ އިތުރުން ޑރ. މުއިއްޒުގެ ސިޔާސަތަކީ "ޕްރޯ ޗައިނާ" ސިޔާސަތު ކަމަށާ ކުރާ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތު ކަމަށެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށްވުމުން އިންޑިއާއާއި ޗައިނާގެ ކޯޅުމުގެ ތެރެއަށް ވަންނަން ބޭނުންފުޅުނުވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ޕްރޯ ޗައިނާ މީހެއްގެ ގޮތުގައި ލޭބަލްވެފައި އޮތް ނަމަވެސް އަޅުގަނޑު ޕްރޯ ޗައިނާއެއް ނޫން، ރާއްޖެއިން ހުރިހާ ޤައުމަކާއި އެކުވެސް ގާތްކޮށް މަސައްކަތްކުރާނެ، ރާއްޖެއަކީ ކުޑަ ޤައުމެއް، ރާއްޖެއިން ބޭނުމެއް ނުވޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ކޯޅުމުގެތެރެއަށް ވަންނާކަށް. އަޅުގަނޑުމެން ބޭނުމެއް ނޫން އެެއްވެސް ޤައުމެއްގެ ސިފައިން މިތަނުގައި ހަރަކާތްތެރިވާކަށް. ޤައުމުތަކާއި އެއްކޮށް ބައިލެޓަރަލް ގުޅުމެއް ބޭނުމީ ބާއްވަން. ހުރިހާ ޤައުމެއްގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ބޭނުން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން