ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ކިބައިން ފެނިގެންދިޔައީ ސުލްހަވެރި އަޚުލާޤީ ސިޔާސަތެެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ހުރަސް އަޅުއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެެވެ. އަދި ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާގައި ވެސް ރައީސް ސާލިޙުގެ ކިބައިން ފެންނަނީ ސުލްހަވެރި އަޚުލާޤީ ސިޔާސަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ޑރ. ޝަހީމް ވިދާޅުވީ އައު ރައީސަކު ހުވާ ކުރުމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި އެއީ އެއަށްވުރެ ބޮޑަށް ވަތަނީ އަދި ގައުމީ ރަސްމިއްޔާތެއްކަމަށެވެ. އެގޮތުން ޑިމޮކްރެެޓިކް ހަމަތަކުގެ މަތިން ވެރިކަން އެއްބޭފުޅެއްގެ އަތްޕުޅުން އަނެއް ބޭފުޅެެއްގެ އަތްޕުޅަށް އިންތިގާލުވުމަކީ ގައުމީ ބޮޑު ހަފްލާއެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ، އެ ހަރަކާތަށް ސިޔާސީ ދެބަސްވުންތަކުގެ ހިޔަނި އެއްވެސް ވަރަކަށް އެޅިގެން ނުވާނެކަމަށެވެ. އަދި އެ ހަފްލާއަށް ގޯސް ހިޔަންޏެއް އެޅުން ވެގެންދާނީ މުޅި ގައުމުގެ ހައިބަތަށްވެސް ލިބިގެންދާ ބޮޑު ދެރައަކަށްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެފަދަ ކަމެއް ދިމާވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ދެބަސްވުންތައް ހައްލުކުރުމަށް ވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެންޑީޕީން ބުނެފައި ވަނީ އެޕާޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށައަޅާފައިވާ މައްސަލަ ނުނިންމައި އިންތިހާބީ ރައީސް ހުވާ ކުރެއްވި ނަމަވެސް އެކަން ބަލައި ނުގަންނާނެ ކަމަށެވެ. އަދި މަޖިލީހުން މިހާރު އެޖެންޑާ ކޮށްފައިވާ އެމައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއްގައި އެއްބާރުލުން ނުދޭނެ ކަމަށް ވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ބުނެފައި ވެއެވެ.

ގާނޫނު އަސާސީ ބުނާގޮތުން އިންތިޚާބީ ރައީސް ހުވާކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން