ގާނޫނާއި ހިލާފަށް ކުންފުންޏަކުން ރަސްމީ އެއްވެސް ލިޔެކިޔުމެއް ނައްތާލައިފިނަމަ އެފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީ.ސީ.ބީން ބުނެފިއެވެ.

ޕީސީބީން މިހެން ބުނެފައި މިވަނީ ސަރުކާރު ކުންފުންޏަކުން ގާނޫނާއި ހިލާފަށް ލިޔެކިޔުންތަކެއް ނައްތާލި މައްސަލަ ފެންމަތިވެގެން އުޅޭ ދަނޑިވަޅެއްގައެވެ. އެގޮތުން އެކަމާއި ގުޅޭ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

ޕީސީބީން ނެރުނު ސަރކިއުލަރއެއްގައި ބުނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އެކުންފުނިތަކުގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުން، އެކުންފުނިތަކުގެ ބައެއް ރަސްމީ ލިޔުންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ތުޙުމަތުކޮށް، އެކަންކަން، ހުއްޓުވުމަށްޓަކާ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅައިދިނުމަށް ޕީ.ސީ.ބީގައި އެދިފައިވާކަމަށެވެ.

އެހެންކަމުން ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ގަވައިދާ ޚިލާފަށް އެކުންފުންޏެއްގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މަޢުލޫމާތު ނައްތާލުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް ޕީ.ސީ.ބީއިން ވަނީ އަންގާފައެވެ.

ޕީ.ސީ.ބީއިން ބުނީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ އެއްވެސް އެއްޗެއް ނައްތާލާކަމުގެ މަޢުލޫމާތު ނުވަތަ ނައްތާލިކަމުގެ މަޢުލޫމާތެއް ލިބިއްޖެނަމަ، އެފަދަ ފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މައުލޫމާތު ނައްތާލުމާއި ބެހޭގޮތުން ޢަމަލުކުރަންވީގޮތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މަޢުލޫމާތު ނައްތާލަން ބޭނުނަވެއްޖެނަމަ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލަށް އެކަން އަންގަން ޖެހެއެވެ. އަދި އެފަދަ ތަކެތި ނައްތާލެވޭނީ އެ ގަވާއިދުގައިވާގޮތުގެ މަތިންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން