"އިންސާނިއްޔަތަށްޓަކައި" ނަމުގައި ދިވެހި ފިލްމު އެސޯސިއޭޝަންގެ އިސްނެގުމުގެ މަތިން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޙާއްސަ ފަންޑްރެއިޒިން ހަރަކާތްތަކެއް ހިމެނޭ އިވެންޓެއް ހިންގަން ފަށައިފިއެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މި އިވެންޓް ފަށާފައިވަނީ މިއަދު ހަވީރު 04:00 ޖެހިއިރުއެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 04:00 އިން 06:00 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތްތައް ބާއްވާނީ ގަލޮޅު ދަނޑާއި އޮލިމްޕަހުގައެވެ.

ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން އާމިރާ އިސްމާއީލް ބުނީ މި އިވެންޓުގައި ދިވެހި ފިލްމު އެސޯސިއޭޝަންގެ ހުރިހާ ފިލްމީ ފަންނާނުން ކަހަލަ ގޮތަކަށް ހަރަކާތްތެރިވާނެ ކަމަށެވެ.

"އިންސާނިއްޔަތަށްޓަކައި" ހަރަކާތުގެ ތެރެއިން ފިލްމު ފެސްޓިވަލްއަކާއި ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންދާނެއެވެ. މި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ފަންނާނުންނާއި އެއްކޮށް ފޮޓޯ ނެގުމުގެ ފުރުޞަތު ލިބޭނެ ކަމަށް އާމިރާ ބުންޏެވެ. އިތުރު ކަމެއްގެ ގޮތުގައި ކެންޓީންގެ ޚިދުމަތްވެސް ލިބޭނެކަމަށް އާމިރާ ބުންޏެވެ. އަދި މި ކެންޓީނުގައި މަޝްހޫރު އެކްޓަރ ޔޫސުފް ޝަފީއު ސާރވްކުރާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. މީގެއިތުރުން މިހަރަކާތުގެ ތެރޭގައި ކޮސްޓިއުމާއި އަންނައުނު ފަދަ ތަކެތި ވިއްކުމަށް ހަމަޖެހިފަވާ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ކަމުދާނެ ކޮސްޓިއުމާއި އެކިކަހަލަ ހެދުންވެސް ލިބެން ހުންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޮކްޓޫބަރގައި 29, 30 އަދި 31ގައި ބާއްވާ ފިލްމު ފެސްޓިވަލްގެ ޓިކެޓް އޮލިމްޕަހުން ލިބެން ހުންނާނެއެވެ. ފިލްމު ފެސްޓިވަލްގައި ކޮންމެ ދުވަހަކު 3 ފިލްމު އެޅުވުމަށް ހަމަޖެހިފަވާއިރު ޖުމްލަ 9 ފިލްމު ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

"މިއަދު އަޅުގަނޑުމެން ރަސްމީކޮށް މި އިވެންޓް ލޯންޗްކުރީ. މިއަދުން ފަށައިގެން ނޮވެމްބަރ 4 އަކާއި ހަމައަށް އަޅުގަނޑުމެން އިވެންޓްތައް ކުރިއަށްގެންދާނީ. ދެން ކުޑަކުދިންގެ ހަވީރު ފެށޭނެ މާދަމާ. ކޫޕަން ނަންގަވައިގެން 15 ވަރަކަށް ސްޓޯލްގައި ބައިވެރިވެވޭނެ (ކުޑަކުދިންގެ ހަވީރުގެ)، ކާޓޫން ކެރެކްޓާސްތައް ފެނިގެންދާނެ. އަދި މާދަމާ ހަވީރު ޖަމްބަލް ސޭލްއެއްވެސް ފެށިގެންދާނެ." އާމިރާ މަޢުލޫމާތުދީފައި ވެއެވެ.

ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން އާމިރާ އިސްމާޢީލް ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަލޮލު ދަނޑުގައި އެކަމަށް ޚާއްސަ ފަންޑް ފޮށްޓެއްވެސް ބަހައްޓާފައިވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އެތަނުން "އިންސާނިއްޔަތަށްޓަކައި" ހަރަކާތުގެ ޓީޝާޓްތައް ގަންނަން ލިބެން ހުންނާނެ ކަމަށެމް ވެސް އާމިރާ ބުންޏެވެ. އެޓީޝާޓްތަކުން ލިބޭ ފައިދާވެސް ދާނީ ފަންޑަށެވެ.

މީގެ އިތުރަށްވެސް، 3 ނޮވެމްބަރުގައި މިކަމަށް ޚާއްސަ މަސްރޭހެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާމިރާ ބުނެފައި ވެއެވެ. އޭނާ ވަނީ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން