އެމްޑީޕީއަށް ވެެރިކަން ގެއްލުނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ގޯސްވެގެން ނޫން ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު (އިއްސެ) ވިދާޅުވެއްޖެއެެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު (އިއްސެ) ވިދާޅުވީ، އެއިރަކު އޮންނަ ސަރުކާރެއް ބަދަލުކުރުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އޮންނަ ރޫޙެއް ކަމަށެވެ. އެގޮތުން މިފަހަރުވެސް ވެރިކަން ބަދަލުވެފައިވަނީ ވެރިކަން ބަދަލު ކުރުމުގެ ރޫހުގެ ތެެރެއިން ކަމަށް އިއްސެ ވިދާޅުވިއެވެ.

އިއްސެ ވިދާޅުވީ ޖެހިޖެހިގެން ދެ ދައުރު ރައީސަކަށް ލިބިވަޑައިގަންނަވާނަމަ އެބޭފުޅަކަށް ރައީސް ސޯލިހް ވެވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ސޯލިހަކީ ރާއްޖެއަށް އެކި ރޮނގުރޮގުން ކުރިއެެރުން ގެނެސްދެއްވުމުގައި ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެސްދެއްވި ކަމަށް އިއްސެ ވިދާޅުވިއެވެ.

"ސަރުކާރު ރަނގަޅު ނުވެގެނެއް ނޫން ވެރިކަން ބަދަލުވެފައި މި އޮތީ. އެކަން އެގެނީ ރައީސް ސޯލިހު 109000 ވޯޓު ހޯއްދަވާފައި އޮތުމުން، ވެރިކަން ބަދަލުވެފައި މި އޮތީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ރޫޙު މި އޮންނަނީ ބަދަލުކުރުމުގެ ރޫޙު. އެންމެ ބޮޑަށް އެކަމުގެ ތެރެއިން ގޮސް ބަދަލުވެފައި އޮތް ބަދަލުވުމެއް މިއީ،" އިއްސެ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްސެ ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރާއި ރައީސް ސޯލިހްގެ ރަނގަޅު ވާހަކަ ތަކުރާރުކޮށް ރައްޔިތުން ދައްކަން ފަށާނެ ކަމަށެވެ. އަދި އަމާން ކަމާއި ހަމަޖެހުން ގެނެސް މިވަރަށް ތަރައްގީގެ ކަން ހިންގާފައި އޮތް ވެރިކަމެއް ދެކެވަޑައިނުގަންނަވާ ކަމަށް އިއްސެ ވިދާޅުވިއެެވެ.

"މިހުރިހާ ކަމަކަށް ބަލާއިރު އަދި ރައީސަށް ލިބިވަޑައިގެންނެވި ވޯޓަށް ބެލިއަސް އެއީ ވެރިކަން ގޯސްވެގެން ރައީސް ގޯސްވެގެން ވީ ބަދަލެއްގެ ގޮތަށްވުރެ ބޮޑަށް ރޫޙު ހުރީ އަބަދުވެސް ހުރިހާ އިންތިހާބެއްގައި ވެސް ރޫޙު މި ހުންނަނީ ވެރިކަމުގައި ހުންނަ މީހާ ބަދަލުކުރުން. އެ ރޫޙުގެ ތެރެއިން ވެރިކަން ބަދަލުވީ،" އިއްސެ ވިދާޅުވިއެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ރައީސުލްޖުހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މުޢިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާ އަށްވަނަ ރައީސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން