ގްރޭޓާ މާލެ އޭރިއާއިން 65،000 ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުމުގެ ޕްލޭނެއް އެބައޮތްކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުމެންގެ ޕްލޭނުގައި އޮތީ މިއަށްވުރެ މާފުޅާކޮށް މިކަންކުރަން، މިގޮތަށް 10 ވަރަކަށް 20 ވަރަކަށް ހާސް މީހުންނަކަށް ނޫން އަޅުގަނޑުމެންގެ ޕްލޭންގަ އޮތީ، މި ސަރަހައްދުން އެކަނި، ގްރޭޓާ މާލެ ރީޖަނުން އެކަނި 65000 ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުން އަޅުގަނޑުމެންގެ ޕްލޭންގަ އޮތީ." މުޢިއްޒު ވިދާޅުވިއެވެ.

ފުށިދިއްގަރުގެ ޕްރޮޖެކްޓަކީ މިކަމުގެ އެންމެ ބޮޑު މަސައްކަތް ކަމަށާއި މިކަމުގެ އަމަލީ މަސައްކަތް ފަށައި ފުރަތަމަ ދެމަހުގެ ތެރޭގައި 1280 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ގެދޮރުވެރިކަން ޔަގީންކަންދިނުމުގެ އަމާޒު ފުރިހަމަކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



މިހާރުގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުވާލި ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު، މި ދައުރު ނިމުމުގެ ކުރިން ކަނޑަނޭޅޭނެ ކަމަށް ސަރުކާރުން މިހާރު ވަނީ ބުނެފައެވެ.

މިކަމަށް އިޝާރާތްކުރައްވާ މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ނުޖެހޭނެކަމުގެ ޔަގީންކަން އެމަނިކުފާނުގެ ވެރިކަމުގައި ދެވިގެންދާނެ ކަމަށެވެ. އަދި އިންސާފުވެރިކަމާއިއެކު ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަންވެސް ޑރ. މުއިއްޒު ވަނީ ދެއްވަވާފައެވެ.

"އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުލިބޭނެޔޭ، ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގެ އެންމެ މުހިންމު ސިޔާސަތު، އެއްވެސް ހިސާބަކަށް ގެންގޮސްފައިވާ ގެދޮރުވެރިކަމެއްގެ އެއްވެސް މަޝްރޫއެއްގެ ސަބަބުން ރައްޔިތަކަށް އެއްވެސް ވަރެއްގެ އުންމީދެއް ލިބުމާ ހަމައަށް ގެންގޮސްފައިވާ އެއްވެސް ކަމެއް ބާޠިލެއް ނުކުރާނަމޭ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން