އިންތިގާލީ މަރުޙަލާގައި، "އަރބަންކޯ"އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށްބުނެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، އަރބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުޢަމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އަރބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ބަޔާނުގައި ބުނީ ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް' ތައްކަމުން، މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ވަކީން ޚާއްސަކޮށް، މި މުޢާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް" ކުރުމުގެ މުޢާމަލާތްތަކެއް ހިމެނޭކަމާ މެދު އިތުރަށް ކަންބޮޑުވާކަމަށްވެސް ބަޔާނުގައިވެއެވެ.

"މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެ. ވުމާއެކު، މި މަރުޙަލާގައި މި ފަދަ މުޢާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިޤާލީ މަރުޙަލާގެ ރޫޙާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރަން." ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް، ޤާނޫނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން އަރބަންކޯއާ މެދު މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް އެކަންކަމުގެ ތަފުސީލް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން