ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް މި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އިމާރާތްކުރަމުންދާ ފްލެޓްތަކުގެ ތެރެއިން 4 ޓަވަރެއްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން މުޅިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ހާމަކޮށްފިއެވެ.

އެފްޑީސީން ބުނީ 8 ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާކަމަށެވެ. އޭގެތެރެއިން 4 ޓަވަރުގައި މިހާރު ކުރަމުންއަނީ، އިމާރާތުގެ ފިނިޝިން މަސައްކަތްތަކެވެ. ފާޚާނައިގެ ފިޓީންގްސް ހަރުކުރުމާއި، ސީލިންގްއާއި ޕުޓީގެ މަސައްކަތްތައްފަދަ މަަސައްކަތް ދަނީ ކުރަމުންކަމަށްވެސް އެފްޑީސީން ބުނެއެވެ.

އެފްޑީސީން ބުނީ ފްލެޓްތަކުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި ކޮންކްރީޓް މަސައްކަތްތައް ނިމެމުންދާވަރަކަށް، ފްލެޓްތަކަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިވަގުތު 4 ޓަވަރެއްގައި ޔުޓިލިޓީ ޚިދުމަތް ގުޅުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށްވެސް އެފްޑީސީން ބުނެއެވެ.

އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި 32 ޓަވަރު އަންނަނީ އިމާރާތްކުރަމުންނެވެ.

މި ފްލެޓްތައް ފަރުމާކޮށްފައިވަނީ، ވީހާވެސް ތޮއްޖެހުން ކުޑަވާނެގޮތަށް، އަދި އިމާރާތް ބޭނުންކުރުމުގައި އާއްމުންނަށް ފަސޭހަވާނެގޮތަށެވެ. އެގޮތުން މީގެ ކޮންމެ އިމާރާތަކީ 16 ބުރީގެ ޓަވަރުތަކެކެވެ. ކޮންމެ ޓަވަރެއްގައި 3 ލިފްޓް ބަހައްޓާނެއެވެ.

އެފްޑީސީން މަސައްކަތް ކުރަމުންދަނީ މިހާރު ފިނިޝިން މަސައްކަތް ކުރަމުންދާ 4 ޓަވަރުގެ ހުރިހާ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމުމަށެވެ. އަދި ފްލެޓް ލިބުނު މީހުންގެ ލިސްޓް ތަރުތީބުކޮށް ހައުސިން މިނިސްޓްރީއިން ހަވާލުކުރިހާ އަވަހަށް، އެގްރިމެންޓްގެ ކަންކަން ނިންމާ، ޓަވަރުތައް ނިމެމުންދާވަރަކަށް ހަވާލުކުރަމުންދާނެކަމަށް އެފްޑީސީން ބުނެއެވެ.

ގެދޮރުވެރިޔާ ސްކީމްގެދަށުން 4000 ފްލެޓަށް ހުޅުވާލި ފުރުޞަތުގައި 15000އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތުހަމަވާކަމަށް މިނިސްޓްރީން އިޢުލާންކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން