ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި މަތީ ތަޢުލީމުގެ ލޯނު ޕްރޮގްރާމަށް 500 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ބަޖެޓްގެ ހަރަދުތައް ހަމަޖައްސަން ސަރުކާރުން ވަނީ ފިނޭންސް މިނިސްްޓްރީއަށް 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައި ވަނީ ޕީއެސްއައިޕީއާއި، އާސަންދައާއި، ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށް ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވަން ފަށާ މިންވަރު އިތުރުވުމުން މިއަހަރުތެރޭގައި އިތުރަށް ޚަރަދު ހިނގާނެކަމަށް ލަފާކޮށް 500 މިލިއަން ރުފިޔާ ހިމަނާފައެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވާލީ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެއީ 1275 ދަރިވަރުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ޚަރަދުވާނެކަމަށް ބެލެވޭތީކަމަށެވެ.

ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށަހަޅާފައެވެ. މިއާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން