އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލުން ކަމަށް އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ އެސޯޝިއޭޝަން، މަސީ އިން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު އޮތް ގޮތުން ވެލާނާ އެއާޕޯޓުގެ ޓާމިނަލް ނިމޭނެ ކަމަށް ލަފާކުރެވެނީ 2025 ގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އެއީ ވަރަށް ލަސް ތާރިހެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އަންނަ އަހަރު ސެޕްޓެމްބަރު މަހަށް އެއާޕޯޓު ނިންމާލުން ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް އަވަސް ކުރަން ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށް މުޢިއްޒު މިރޭ ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެ ކޮމިޓީގައި ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުން ތިއްބަވާނެ ކަމަށެވެ. އެއާޕޯޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން ނިންމަންޖެހޭ ހުރިހާ ނިންމުމެއް ވީހާވެސް އަވަހަށް އެ ކޮމިޓީން ނިންމާނެ ކަމުގެ ޔަގީންކަން މުޢިއްޒު ވަނީ ދެއްވާފައެވެ.

އާ ޓާމިނަލްގެ މަސައްކަތް ނިންމަން އިތުރު 100 މިލިއަން ޑޮލަރު ދިނުމަށް ސައޫދީ ސަރުކާރުން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން އެއާޕޯޓް ތަރައްގީ ކުރުމަށް 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން