އެމްޑީޕީގެ ވެރިކަން ވައްޓާލީ ޕީޕިއެމުން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް އިޝާރަތް ކުރައްވަމުންނެެވެ. ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ވައްޓާލީ ޕީޕިއެމުން ނޫން ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެެރިކަން ވައްޓާލީ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އެމަނިކުފާނާއެކު އެޕާޓީގެ ތެރެއިން ނިކުތް ބަޔަކު އިސްވެ ތިބެގެން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ޕީޕިއެމަކުން ނޫން އެމްޑީޕީގެ ވެރިކަން ވައްޓާލީ، ހަމަ ސީދާ އެމްޑީޕީގެ ތެެރެއިން ކުރި މަސައްކަތެއް އެއީ. މަޖިލީހުގެ ތެރޭގައި ވެސް އެގޮވި ހުރިހާ އެއްޗެއް ގޮވާފައި ހުރީ އެމްޑީީޕީގެ މެމްބަރުން. ވަރަށް ފަހުން ނޫންތޯ ޑިމޮކްރެޓްސް ހެދީ، އޭގަ ކުރީގައި ވެސް ހުރިހާ އެެއްޗެއް އެގޮތަށް ގޮވަމުންދިޔައީ އަމިއްލަ ޕާޓީގެ ތެރެއިން. ދޮގު ހަދަހަދައިގެން ފިތުނަ ވާހަކަ ދައްކަމުން ގޮސް ވެރިކަން ވައްޓާލީ." އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ފަހު ނަޝީދާއި ޑިމޮކްރެޓްްސް އިން މަސައްކަތް ކުރީ ރައްޔިތުން ދޭ ޚިދުމަތް ތަކަށް ހުރަސްއަޅަައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކަމަށެވެެ. އަދި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއަށް 07 ޕަސެންޓް ވޯޓް ލިބުނަސް ބަރުލަމާނީ ވޯޓެއް ނަގައިފިނަމަ ލިބޭނީ 05 ޕަސެންޓް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ރައީސުލްޖުހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މުޢިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާ އަށްވަނަ ރައީސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން