ކަޅުބާޒާރުގައި ޑޮލަރުގެ އަގު 18 އިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މިކަމުގެ ދައްޗާއި ތުރާލާއި ހިތްދަތިކަން އެންމެ ބޮޑަށް ކުރަނީ ދިވެހި އާދައިގެ އާންމު ރައްޔިތުމީހާ އަށެވެ. މިކަމުން ހުރިހާ ބާރެއް ކުރަނީ އާދައިގެ ދިވެހި ރައްޔިތު މީހާގެ ޖީބަށެވެ. މިސަރުކާރުގެ ފަސް އަހަރު ނިމިގެން މިދަނީ މިމައްސަލައަށް އެއްވެސް ހައްލެއް ނުލިބިއެވެ. މިޝަކުވާގެ އަޑު ގަދަވާ ކޮންމެ ފަހަރަކު ސަރުކާރުން ކިޔާ ލަވައަކީ ހަމަ އެއް ލަވައެކެވެ. އަބަދުވެސް ބުނަނީ "ތިކަމަށް ރަނގަޅު ގޮތްތަކެއް ހޯދަނީ، ހޯދަނީ" ކަމަށެވެ. ދުވަހަުވެސް އެބުނާ ހައްލެއް ދިވެހި ރައްޔިތަކަށް ނުފެނެއެވެ.

މިހާތަނުން ހަނދާނަށް އަންނަނީ އަޅުގަނޑު ދަންނަ ރާއްޖޭގެ މަޝްހޫރު ވިޔަފާރުވެރިއަކު މިފަދަ ކަންކަމުގައި ޖަހާއުޅުނު މިސާލެއްގެ މަތީންނެވެ. އޭނާ މިފަދަ ކަންކަމުގައި މިސާލު ޖަހައި އުޅެނީ ކުރީގެ ރައީސް މަރުހޫމް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އޮލިމްޕަސް ސިނަމާގައި އަޅުވަން އިޝްތިހާރު ކުރި ފިލްމެއްގެ ވާހަކައިންނެވެ. އެބުނާ ފިލްމަކީ އޮލިމްޕަހުގެ އިޝްތިހާރު ބޯޑުގައި "އަންނަނީ އަންނަނީ" ގައި އަބަދު ވެސް އޮންނަ ފިލްމެކެވެ. ނާސިރުގެ ވެރިކަން ނިމިގެން ދިޔައިރުވެސް އެފިލްމެއް ހަމަ އޮތީ "އަންނަނީ އަންނަނީ" ގައެވެ. މި ސަރުކާރުން ހަމަ އަގަށް ތިރިކުރަން އުޅޭ ޑޮލަރަށް ވެސް މިވީ މިފަދަ ގޮތެއްތާއެވެ؟

ހަގީގަތުގައި މިމައްސަލައަށް އެދެވޭ ހައްލެއް ލިބޭނީ ކަން ހިނގާ ގޮތާއި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ތިރި ނުވެގެން އުޅޭ ސަބަބުތައް ބަލައި އެކަން ދެނެގަނެވިގެންނެވެ. ޑޮލަރުގެ ޑިމާންޑް އެހާ ބޮޑުވެގެން މިއުޅޭ ސަބަބެއް ދިރާސާކޮށް ބަލައިގެންނެވެ. މިހިސާބެއް ޖަހައި މިކަންކަން ދެނެގަންނާން ފަސް އަހަރުން ނުފުދުނުކަން މިއޮތީ ކަށަވަރުވެ ޔަގީން ވެފައެވެ. އެއްގޮތަކީ ގަސްތުގައި މިކަމަށް ހައްލެއް ހޯދަން ބޭނުން ނުވުމެވެ. އަނެއް ގޮތަކީ ބަޔަކަށް މިކަމުން ލިބޭ ފައިދާއެއްގެ ބޮޑުކަމުން އެކަން ހައްލު ކުރާން ބޭނުން ނުވުމެވެ. ނޫނީ ހަގީގަތުގައި ވެސް ޑިމާންޑާ އެއްވަރަށް ސަޕްލައި ނެތުމުން ހައްލު ކުރެވެން ނެތީއެވެ.

ނަމަވެސް ބޭރުފުށުން މިކަން ފެންނަ ގޮތަށް ބަލާއިރު ކަޅުބަާޒާރުގައި އަތް ނުފޯރާ ފަށަށް ޑޮލަރުގެ އަގު އަރައިގެން ގޮސް ތިރިނުވެ މިހާރު މިއޮތް އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އިންތިހާއަށް އިތުރުވެ އެކަމަށް އެއްވެސް ހައްލެއް ނުހޯދި ދިގުލައިގެން ދިއުމުގެ މައްސަލައެވެ. ވޭތުވެދިޔަ ދެތިން އަހަރާއި މިއަދު ވެސް މިކަން އޮތީ މިގޮތަށެވެ. ކުރިން މިދެންނެވި ވިޔަފާރި އޮތީ މާލޭގެ ކުޑަ ހެންވޭރުގައެވެ. އެއީ އިއްޔެއާއި ޖެހެންދެން ޑޮަލަރު އޭޓީއެމާއި ޑޮލަރުގެ ވިޔަފާރި ހިންގާ "ކަޑަތައް" ހުރި ސަރަހައްދެވެ. މިއަދު އެކަން ބަރުވެފައި އޮތީ މާފަންނުކޮޅަށެވެ. ކުރީގެ ސްޓާ ސިނަމާ ކައިރީގައެވެ. އަށް ނުވަ ދިހަ ބިދޭސީން ޑޮލަރަށް މުގޯލިއަޅައިގެން އެތަނުގައި އަބަދުހެން ތިބެއެވެ. މީހަކު ޑޮލަރު އޭޓީއެމުން ނުކުންނަ އިރަށް އޭގެ ތެރެއިން ދެތިން މީހަކު ފަހަތުން އަންނާނެއެވެ. އަދި ޑޮލަރު ވިއްކާތޯ ސުވާލުކޮށް އަގުތަ ހުށައަޅާން ފަށާނެއެވެ.

މި ބިދޭސީންގެ ތެރެއިން 10 މީހުން ޗެކް ކޮށްފިއްޔާ ހަތެއް ނުވަތަ އަށް މީހުން އަތުގައި ސައްހަ ލިއެކިއުމެއް ނުހުންނާނެއެވެ. ގިނަ މީހުންގެ އަތުގައި އޭނާއަކީ ކޮން ގައުމެއްގެ ކާކުކަން އެނގޭނެ ލިއުންގަނޑެއް ވެސް ނޯންނާނެ ކަން ޔަގީނެވެ. އެކަމަކު އެތަނުގައި ކޮންމެ ދުވަހަކު އެމީހުން އެސަކަރާތެއް ޖަހާއިރުވެސް ކަމާބެހޭ ފަރާތަކަށް އެމަންޒަރެއް ނުފެނެއެވެ. އެއިން މީހަކާއި ސުވާލެއް ކޮށްލާތީއެއްވެސް ނުފެނެއެވެ. ގާނޫނީ ވާޖިބު ކޮނޑުގައި އަޅައިގެން އެ ވާޖިބުތައް ނަގަހައްޓައި ދަމަހައްޓާން ހަތް ހުވާކޮށްގެން، ބޮޑު ޔުނީފޯމު އަޅައިގެން ދެކޮޅަށް ދުއްވާ މީހުންނަށް ވެސް އެމަންޒަރު ނުފެންނަ ކަމަށް ހެދިޔަސް، އެމަންޒަރު ނުފެނިއެއް ނުދާނެއެވެ. އަދި އެތާނގައި ހިނގާ ކަމެއް އެހިނގަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާޢިދުތަކާއި ޚިލާފަށް ކަންވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެކަމަކު އެމީހުން އެމަގުން ދުއްވާނީ ވެސް އަނެއް ފަރާތަށް މޫނު ލައިގެންނެވެ. ދެލޯ ކަނުކޮށްގެން ނުފެންނަ ކަމަށް ހަދައިގެންނެވެ.

މިހެން މިކަން ނުކޮށް އެމީހުންގެ ގާނޫނީ ވާޖިބު ނަގަހައްޓައި ދެމެހެއްޓުމަށް ނުވަތަ ތިމާމެން މާތްﷲ ގަންދީ ކޮށްގެން މިތިބަ ހުވައަށް އިހުތިރާމުކޮށް ދިވެހީންނަށް ޖެހިފައިވާ މި "ބލވެރިކަމުން" ސަލާމަތް ކޮށްދިނުމަށް އެތަން ފެނިގެން އެތަނަށް ހުއްޓި އެމީހުންނާ ސުވާލުކޮށް ހަދާނަމަ ކަޅުބާޒާރުގެ ޑިމާންޑް ކުޑަވާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. މިހެން މިދެންނެވީ އެކަން ހިނގާ ގޮތް ހަމަ ރަނގަޅަށް ބަލައިފައެވެ. އެނގޭތީއެވެ.

ކޮންމެ ދުވަހަކު މިދެންނެވި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އެތަނަށް ގޮސް އެތައް ހާސް ޑަލަރެއް ގަނެ މިރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ލައްކައަކަށް ވުރެ ގިނަ ބިދޭސީންނަށް ބޭނުންވާ އެ ޑޮލަރު ގަނެ ހަދައެވެ. އެގޮތަށް އެމީހުންނަށް ކަޅުބާޒާރުން ޑޮލަރު ނުގަނެވޭ ނަމަ ޑޮލަރުގެ ކަޅު ބާޒާރުގެ ޑިމާންޑް ދަށްވާނެކަން ޔަގީނެވެ. ޑޮލަރުގެ އަގު ތިރިވާނެކަން ކަށަވަރެވެ. ހަގީގަތަށް ކަންހިނގާ ގޮތް ބަލައިފި ނަމަ އާންމު ދިވެހި ރައްޔިތުންނަށްވުރެ މިދެންނެވި ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރާއްޖެއިން ޑޮލަރު ބޭރުކުރާ މިންވަރު އެތައް ގުނައަކުން އިތުރުވާނެއެވެ. ނަމަވެސް މިކަންކަން ބަލާނެ ހިތްވަރެއް، އަޒުމެއް، އަމާޒެއް ނެތި "ވާނެއެއްޗެއްވާން" ދޫކޮށްލުމުން ޑޮލަރުގެ އަގު 25 ރުފިޔާއަށް ވެސް އަރައިގެން ދާތަން ފެނުމަކީ ދާދި ކައިރީގައި އޮތް ދުވަހެކެވެ.

އެހެން ނަމަވެސް ދެރަކަމަކީ މިދެންނެވި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18 އިން މައްޗަށް ދިޔައިމާ އާދައިގެ ދިވެހި ރައްޔިތު މީހާ އުފުލަން ޖެހޭ ތަކުލީފާއި އެމީހާގެ ޖީބަށް ކުރާ ބާރު އިހުސާސު ކުރެވޭ ސިޔާސީ މީހުންވެސް ނެތުމެވެ. މިފަދަ ވާހަކަތައް ރައްޔިތުންގެ ފަރާތުން ދައްކައިދޭން، ވަކާލާތު ކޮށްދޭން ރައްޔިތުންގެ މަޖިލީހޭ ކިޔާ މިގައުމުގެ އެންމެ ޢިއްޒަތްތެރި ތަޅުމުގައި، އެންމެ އިއްޒަތްތެރި، ކަރާމާތްތެރި ގޮނޑުކޮޅުގައި އިށީނދެ ވަޑައިގެން ތިއްބެވި، "ބެޔަސް ނުބެޔަސް" މަހަކު 80 ހަހުން މަތިން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަކޮޅު ނަންގަވައިގެން އެތިއްބަވާ އިއްޒަތްތެރީން މިވާހަކަ ނުދައްކާ ސަބަބު ވެސް ގިނަ ރައްޔިތުންނަށް އެނގެއެވެ. އެމީހުންނަށް ބޭނުން ވަރަކަށް އެލިބޭތާކުން ޑޮލަރު ލިބެންޏާ އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތީކަން ވެސް ގިނަ ރައްޔިތުންނަށް އެނގެއެވެ.

މިކަން މިހެން އޮތް ނަމަވެސް ދިވެހީންގެ ބޭންކްގެ ނަމުގައި ހިންގާ ބޭންކް އޮފް މޯލްޑިވްސްއިން ދީފައި އެ އޮންނަ ކާޑު ގަނޑުން ބޭރުގައި އުޅޭއިރު އަމިއްލަ މުހުތާދުތައް ފުއްދައި ލެވޭވަރު ކޮށްލައިދީފައި އޮންނަ ނަމަވެސް އާދައިގެ ރައްޔިތު މީހާއަށް އުފުލަން ޖެހޭ ތަކުލީފު ތަންފުކެއް ލުއިވީހެވެ. ހަމަ ގައިމުވެސް 18 ރުފިޔާއަށް ޑޮލަރު ގަންނާކަށް ދިވެހި ރައްޔިތު މީހާ ތެޅޭކަން ނުޖެހޭނެއެވެ. ނަމަވެސް ކޮވިޑޭ ކިޔައިގެން އެކާޑު ގަނޑުގެ ލިމިޓް 250 ޑޮލަރަށް ދަށްކުރި ގޮތަށް މިއަދު ކޮވިޑްގެ ހާލަތަށް ވުރެ ރާއްޖޭގެ އިގްތިޞާދީ ހާލަތު ރަނގަޅުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރާއި އިކޮނަމިކް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވަމުން ދާއިރުވެސް އެ ކާޑުގައި ބޭންކުން އެޅުވި ލިމިޓްގެ ބޮޑޫތަޅު ނައްޓުވާލާކަން ނޫޅެއެވެ.

ކަޅު ބާޒާރުގައި ވަގަށް ޑޮލަރު ނުވިއްކައި އެނަގާ ސާވިސް ޗާޖަކާއި ދެންވެސް ނެގެން ހުރި ޗާޖެއް ބޮޑުކޮށް އިތުރުކޮށްފައި ވެސް ތިޔަ ލިމިޓް ބޮޑުކޮށް އާންމު ނިކަމެތި ރައްޔިތު މީހާގެ ތަކުލީފު ކުޑަކޮށްދޭކަން ހަމަ ނުވޭ ހެއްޔެވެ؟ ގިނަ ދިވެހީން އެބުނަނީ ހަމަ ރަނގަޅަށެވެ. ގޮތް ހުސްވެފައި ތިބި ރައްޔިތުން ތަކެއް، ހާލުގައި ޖެހިގެން ގޮސް ނަގާ ލުއި ލޯނަށް 18 އިންސައްތަ އިންޓެރަސްޓް ލައިގެން ދިވެހީން ފެލި ބަޔަކަށް މިފަދަ ވާހަކައަކުން ކުރާނެ އަސަރެއް ނޯންނާނެއެވެ. އެމީހުންނަށް އެނގޭނީ ލޯނު އަނބުރާ ނުދެއްކުމުން ދިވެހި ރައްޔިތުން ގޮވައިގެން ދައުވާކުރާށާއި ރައްޔިތުންގެ އަތުން ރިބާ ނަގައިގެން ބޭންކުގެ އަހަރީ ފައިދާ އިތުރުކޮށް އަހަރީ ބޯނަސް އަހަރުން އަހަރަށް ދެގުނަކުރުމެވެ.

ދެން ނަމެއްގައި، ކޮންމެ ދިވެއްސަކަށް ބޭރަށް ދާން 500 ޑޮލަރު ދެމޭ ބުނާން ވެގެން ދޭ 500 ޑޮލަރަކީ މިއަދު ކޮން މުހުތާދެއް ކުރެވޭނެ އެއްޗެއްކަން ހަމަ ނޭގެނީއެއް ނޫނެވެ؟ ވޭތުވެ ދިޔަ ވިހި ތިރީސް އަހަރުވެސް މި 500 ޑޮލަރަށް އެއްވެސް ބަދަލެއް ނައުން މިއީ ވެސް ހަމަ އަޖާއިބެއް ފަދަ ކަމެކެވެ.

ހަމަގައިމުވެސް ނިމިގެން މިދާ ފަސް އަހަރުގެ ދައުރުގައި ޑޮލަރުގެ އަގެއް ތިރިއެއް ނުކުރެވުނެވެ. ކަޅުބާޒާރުގެ ޑިމާންޑް ދަށެއް ނުކުރެވުނެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑު ތަކުގެ ލިމިޓް ކަނޑާ ނުލެވުނުތާ އެއަދަދެއް ބޮޑެއް ވެސް ނުކުރެވުނެވެ. ދެން އޮތީ އާ ސަރުކަރުން މިކަމަށް ގެންނާނެ ހައްލަކަށް އިންތިޒާރު ކުރުމެވެ. ޑރ. މުއިއްޒު ވެސް މިކަން ކުރިއްޔާ ނޫނީ އޭނާއަށް ވެސް މިކަން ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަން ގަބޫލުކުރާނީ ވެސް މަދުބައެކެވެ. އެހެން ނޫންނަމަ އެބުނާ 100 ދުވަހުގެ ވަޢުދުނާމާގައި މިކަން ވެސް ހިމަނައިލީސްކަން ކަށަވަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން