އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އިންތިޤާލީ މަރުޙަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ޤާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިލްތިމާސްކޮށްފިއެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ވިޔަފާރީގެ މުޅިން އާ މުޢާމަލާތްތައް ފެށުމާއި، މި ފަދަ މުޢާމަލާތްތަކާއި އެއްބަސްވުންތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ، އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެއް ކަމަށެވެ. އަދި، އެ ފަދަ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު، ޤާނޫނާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"އިންތިޤާލީ މަރުޙަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން، ޤާނޫނީ އިންތަކުގެ ތެރެއިން އެ ފަދަ މުޢާމަލާތްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއަޅުއްވައިދެއްވުން އެދެމެވެ. އަދި މި ފަދަ މުޢާމަލާތްތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށާއި އިންތިޤާލީ މި މަރުޙަލާގެ ރޫޙަށް އިޙުތިރާމުކޮށް، ކަމޭހިތުން އިސްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ." އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިފަދަ އިލްތިމާސެއްކޮށްފައިވާއިރު، މީގެކުރިން އެއޮފީހުން ވަނީ، އެސްޓީއޯ، އަދި އަރބަންކޯއިން އިންތިޤާލީ މަރުހަލާގައި ވިޔަފާރި ކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކެއްވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން