އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅަން ތާވަލުކޮށްފިއެވެ.

މާލިއްޔަތު ގާނޫނުގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ ބަޖެޓް ހުށަހަޅަން ތާވަލުކޮށްފައެވެ.

މަޖިލީހަށް ބަޖެޓް ހުށަހެޅުމުން، ބަޖެޓަށް ބަހުސްކުރުމަށް ހުރިހާ މެމްބަރުންނަށް ހަމަހަމަ ފުރުސަތުދޭނެއެވެ.

ބަޖެޓް ދިރާސާކުރާނީ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގައި ހިމެނޭ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ، ނުވަތަ ބަޖެޓް ކޮމިޓީންނެވެ. އަދި ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ބަހުސްކުރުމާއި އިސްލާހު ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް ލިބޭނެއެވެ.

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު މަޖިލީހުން ބައެއް އިސްލާހުތައް މަޖިލީހަށް ވަނީ ގެނެސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުގެ ބަޖެޓް ސަރުކާރުން ތައްޔާރުކޮށްފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވާ އައު ސަރުކާރުން ބޭނުންވާ ކަންކަންވެސް ހިމަނައިގެންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅަން ތައްޔާރުވަމުންދަނީ 50 ބިލިއަން ރުފިޔާއާ ގާތްކުރާ ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން