ގޯއްޗާއި ފްލެޓަށްއެދި ދެވަނަ ބުރުގައި ހުށައެޅި ފޯމުތަކުގެ ތެރެއިން، ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް ދައުރު ނިމެންވާއިރަށް އިއުލާން ކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.



ގޯއްޗަށްއެދި ދެވަނަ ބުރުގައި ހުށައެޅި ފޯމުތައް ދައުރު ނިމެންވާއިރަށް އިވެލުއޭޓް ނުކުރެވޭނެ ކަމަށް މީގެ ކުރިން ވިދާޅުވި ނަމަވެސް، ރާއްޖޭގެ މީޑިއާއަކާއި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ މިއަދު ވިދާޅުވީ ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުންގެ ފޯމުތައް މި ދައުރު ނިމުމުގެ ކުރިން ޕްރޮސެސްކޮށް ނިންމާނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ފްލެޓާއި ގޯތި ލިބޭ މީހުންގެ މައުލޫމާތު އިއުލާން ކުރާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު ހަމަވިއިރު، 40،594 ފޯމު ވަނީ ހުށަހަޅައިފައެވެ. އެއީ ގޯއްޗަށްއެދި ހުށަހެޅި 19،347 ފޯމާއި ފްލެޓަށް އެދި ހުށަހެޅި 21،247 ފޯމެވެ.

މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، ފްލެޓާއި ގޯއްޗަށް އެދިފައިވާ މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލުނުކުރެވޭނެ ކަމަށަމް މީގެ ކުރިން އަކްރަމް ވިދާޅުވެފައިވަނީ ހުރިހާ ފޯމެއްގައި ހުރި މައުލޫމާތު ވަކިވަކިން ބެލުމަށް ވަގުތު ނަގާނެކަން ފާހަގަކުރަށްވައެވެ. އަދި އެމަސައްކަތް އަވަސް އަރުވައިލައިގެން ކުރުމުގެ ނިޔަތުގައި، ލިސްޓުތަކެއް ނެރެ، ގޯތީގެ ރަޖިސްޓްރީ ދޫ ނުކުރާނެ ކަމަށްވެސް އޭރު އަކްރަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން