ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މާލެ ބަންދަށް ދޫކޮށްލީ އުސޫލުތަކެއްގެ ދަށުންކަމަށާއި، އެ އުސޫލުތަކާއި ހިލާފަށް އަމަލުކުރައްވާނަމަ ފިޔަަވަޅު އަޅާނެކަމަށް މޯލްޑިވްސް ކަރެކްޝަންސްއިން ބުނެފިއެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން ވަނީ ޕީޕީއެމް ޕީއެންސީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު ގޭ ބަންދަށް ބަދަލުކޮށް، ލުއިތަކެއް ދީފައެވެ. އަދި މީގެ ދެ ދުވަސްކުރިން ވަނީ އެމަނިކުފާނު މާލެ ބަންދަށްވެސް ބަދަލުކޮށްފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީނަށް ލުއިތަކެއް ދިނީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުއްވުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ އެކަން ފަހިކޮށްދިނުމަށް ކަމަށެވެ. އަދި އޭގެ އިތުރުން، ކޮންމެހެން ބައްދަލުކުރަން އެދޭ މީހުންނާއި ވެސް، އެ އިދާރާއާ އެކަން ހިއްސާކުރުމުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީނަށް ލުއިތަކެއް ދިނީ އިގުރާރެއްވުމަށް ފަހު ކަމަށެވެ. އަދި އެކަމާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަންސްއިން މިކަން ހާމަކޮށްފައި މިވަނީ ޕީޕީއެމްގެ އޮފީހަށް ރޭ ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުމުންނެވެ. ނަމަވެސް އެކަން ކުރެއްވީ ހުއްދަ ހޯދައިގެންތޯ ނުވަތަ ނޫންތޯ ކަރެކްޝަންސްއިން ހާމައެއް ނުކުރެއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީނަށް ލުއި ދިން ނަމަވެސް ކުރުން މަނާ ކަންތައްތަކެއް ވެސް އިގުރާރުގައި ހިމަނާފައިވާނެކަމަަށެވެ. އެހެންކަމުން އެ ސާވިސްއިން ރައީސް ޔާމީންގެ އަމަލުތައް މޮނީޓާކުރަމުންދާނޭކަމަށްވެސް އޭނާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން