މާދަމާގެ ޖަލްސާގެ އެޖެންޑާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ނެތުމުން އެމްޑީޕީން މަޖިލީހުގެ އަމީންޢާންމު ފާތިމަތު ނިޔުޝާއަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ފޮނުވި މި ސިޓީގައި ވަނީ އެޖެންޑާ އިސްލާހުކޮށްދިނުމަށް އެދިފައެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ބަޖެޓުގެ މަސައްކަތެވެ.

ސިޓީގައި ވަނީ އާދީއްތަ ދުވަހު އެޖެންޑާ ކުރި ޖަލްސާއަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެފައެވެ. އެކަމަކު އެ ދުވަހުގެ ޖަލްސާ ކުރިޔަށް ގެންދެވެން ނެތްކަމަށް ސެކްރެޓަރީ ޖެނެރަލް އިއުލާނު ކުރިކަމަށާއި، ޖެހިގެން އައި ދުވަހު ބޭއްވި ޖަލްސާ ވެސް ގަބޫލު ކުރެވޭ އުޒުރެއް ނެތި ކެންސަލް ކުރިކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.



އާދީއްތަ ދުވަހު ބޭއްވީ، މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބުނާ މުއްދަތު ދިނުމަށް ފަހު އެންމެ ފުރަތަމަ އަންނަ ރަސްމީ ބަންދުނޫން ދުވަހަކަށް ތާވަލު ކުރަން ޖެހޭ ގަރާރެއް ކަމަށް ބުނެފައި ވެއެވެ. ހޯމަ ދުވަހަށް ވޯޓު ނެގުން އެޖެންޑާ ކުރުމަށް ފަހުވެސް ޖަލްސާ ކުރިޔަށް ނުގެންދެވުނު ސަބަބު އޮޅުންފިލުވައިދިނުމަށް އެމްޑީޕީން އެދިފައި ވެއެވެ.



ޖަލްސާގެ އެޖެންޑާގައި އަލުން މި މައްސަލަ ހިމަނައި، އިސްލާހު ކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން