އިދިކޮޅު ޕީޕިއެމް-ޕީއެންސީއަށް ވެރިކަން ލިބުނު ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވާ ހަމައެކައްޗެއް ވެސް ނެތް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޖަލު ބަންދުން މާލޭގެ ބަންދަށް ދޫކުރި ފަހުން ޕީޕީއެމް ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ވިދާޅުވީ، އެހެން ސިޔާސީ ލީޑަރުންްނާއި ހިލާފަށް ވެރިކަމެއް ލިބިގެން އެމަނިކުފާނު ބޭނުންފުޅުވާ ހަމަ އެކައްޗެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑު މި ވާހަކަ ދައްކާ ގޮތަކީ އެހެން ސިޔާސީ ލީޑަރުންނާއި ހިލާފަށް ވެރިކަމެއް ލިބިގެން އަޅުގަނޑު ބޭނުންވާ ހަމައެކައްޗެއް ވެސް ނެތީ، އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ހަދާފައި އޮތް ގާނޫނު އަސާސީ އަށް ފުރިހަމަ އަށް އަމަލުކުރެވިގެންދިޔުން،" ޔާމިން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ ޕީޕިއެމް-ޕީއެންސީގެ ސަރުކާރެއްގައި ދޫކޮށްނުލާނެ ނުވަތަ ކޮމްޕްރޮމައިސް ނުކުރާނެ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލުނު މައްސަލަ އާއި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ދޫ ނުދެއްވާނެ ކަމަށާއި އެގޮތް ހެޔޮ ނޫން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ޔާމިން ވިދާޅުވީ އެއީ އެއްވެސް ފަރުދެއްގެ ހައްގު ނޫން ކަމަށާއި އެއީ ދައުލަތުގެ ހައްގު ކަމަށެެވެ. ރައީސް ޔާމިން ވިދާޅުވީ ކަނޑުގެ މައްސަލަ އާއި އިންޑިޔާ ސިފައިން ތިބި މައްސަލަ ނޫން އެހެންކަންކަމުގައި ދޫދެވިދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ދިވެހި ރައްޔިތުން އިތުބާރު ކޮށް ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަން ހަވާލުކުރީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެ އަމަނާތް ދަމަހައްޓަންޖެހޭ ކަމަށް ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ބޮޑެތި އިހުމާލުތަކާއި ޖަރީމާތަކަށް އިންސާފު ލިބިގެންދިޔުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށާއި އެކަން ވާންޖެހޭނެ ކަމަށެވެ. ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ކަންކަން ތަހުގީގު ކުރުން ކަމަށެވެ. އެއަށް ފަހު ރާއްޖެ ސަރަހައްދުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތް ފެށުމާއެކު އިންޑިއާ ސަރުކާރާ އެކު ރަހްމަތްތެރި ގޮތުގައި ވާހަކަ ދައްކައިގެން އިންޑިއާ ސިފައިންގެ މައްސަލަ ހައްލު ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ހިންގާފައިވާ ހުރިހާ ޖަރީމާ ތަކަށް އިންސާފު ލިބެންޖެހޭނެ. އެކަން ވާންޖެހޭނެ. އަޅުގަނޑުމެން ދެން ވެސް ގަބޫލެއް ނުކުރެވޭނެ. މި ހުރިހާ ވާހަކައެެއް ދައްކާފައި ދިވެހި ރައްޔިތުންގެ ތާއިދާއި ރައްޔިތުންގެ އިތުބާރު ހޯދައިގެން އެއަށް ދިން ވޯޓެއް ޑރ. މުއިއްޒަށް ލިބުނު ވޯޓަކީ. ދިވެހި ރައްޔިތުން ދެއްވި ވޯޓަކީ އަމާނާތެއް. އެ އަމާނަތް ދަމަހައްޓަންޖެހޭނެ. އެ އަމާނަތް ދެމެހެއްޓުމަކީ ރައްޔިތުންގެ ކައިރީގައި ދެެއްކި ވާހަކައަށް ދިން ވޯޓާ އެއްގޮތަށް ވެރިކަން ލިބުނީމަ އަޅުގަނޑުމެން އަމަލުކުރުން." ރައީސް ޔާމިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން