އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދޭން ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ފޮނުވީ އިއްޔެ ކަމަށެވެ.

2024 ވަނަ އަހަރުގެ ބަޖެޓް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި އޮތް ނަމަވެސް ފިނޭންސް މިނިސްޓަރ އަޙްމަދު އަމީރު ވަނީ ބަޖެޓު ހުށައެޅުއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް އިންކާރުކުރައްވާފައެވެ.

މިއަދަކީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހަޅަން އޮތް އެންމެ ފަހު ދުވަހެވެ. ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިނުގަތީ ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ލަފާގެ މަތިންނެވެ. މިވަގުތު މަޖިލީހުގެ އެންމެ މުހިންމު މަސައްކަތަކަށްވެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކަމަށްވުމުން މަޖިލީހަށް ވަޑައިނުގަންނަވަން ބަންޑާރަ ނައިބު ލަފާ ދެއްވިީ ކަމަށް ބެލެވެއެވެ.



ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެ އަހަރެއް ފެށުމުގެ ދެ މަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ. އެގޮތުން މިއަދަކީ ގާނޫނީ ގޮތުން ބަޖެޓް ހުށައެޅުމަށް އޮތް އެންމެ ފަހު ދުވަހެވެ.

އެމްޑީޕީން އެދިފައިވަނީ ބަޖެޓްގެ ކުރީން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެމްޑީޕީން ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައި އެކަމުގެ ނޯޓިސް ފޮނުވައި އެ ނޯޓިހުގެ މުއްދަތު ހަވެފައި ވަނިކޮށް މަޖިލީހުން އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ހުއްޓުވައިފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓާ ގުޅޭ އިތުރު މައުލޫމާތުތައް ބަޖެޓް ބަޔާނާއެކު މީޑިއާއާއި އަދި އާންމުންނާ ހިއްސާކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވާގޮތުގައި ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރަށްވެސް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތަށް ބަޖެޓާ ގުޅޭ ތަފުސީލު ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން