ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ދަ ޑިމޮކްރެޓްސް ޕާޓީން ތަދައްހުލްވާން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ވިދާޅުވީ ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެހެންކަމުން އެ މައްސަަލައަށް ދަ ޑިމޮކްރެޓްސްއިން ތަދައްހުލުވާން ނިންމާފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ ގާނޫނޫ އަސާސީގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް ލިޔެވިފައި ވަނިކޮން ދެން އެކަމެއް އެހެން ގޮތަކަށް ކުރެވޭނެކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

"އާދެ އަޅުގަނޑުމެން ތަދައްހުލްވާނަން ސުޕްރިމް ކޯޓައް ހުށައަޅާފައިވާ މައްސަލައަށް ހައްލު ހޯދުމަށް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ހުރިހާ މެމްބަރުންވެސް ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗައް ކުރެވިފައިވާ ދައުވާއެއް އެއީ އެހެންވީމާ އެކަމަށް އަޅުގަނޑުމެން ތަދައްހުލް ވާން ޖެހޭނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ކަމެއްވެސް ރީތިކޮށް ވާހަކަ ދައްކައިގެން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށައެޅީ އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ގޮތުންކަމަށް އާޒިމް ތުހުމަތުކުރެއްވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލާގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން