ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސް
ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސް
ގދ. ވާދޫއިން ފަލަސްތީން 1000 ރައްޔިތަކަށް ބިން ދޫކުރަން މަޝްވަރާކުރަމުންދާ ކަމަށް ގދ. ވާދޫ ކައުންސިލްގެ ރައީސް ހަސަން ޢަބްދު ﷲ ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ އިތުރުން އިޒްރޭލް ރައްޔިތުންނަށް އެރަށަށް އެރުން މަނާކުރަން މަޝްވަރާކުރަމުންދާ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

"ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ވާދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ކައުންސިލުން މި ދެ ކަމަށް މަޝްވަރާކުރަމުންދަނީ ރައްޔިތުން އެކަމަށް އެދޭތީ ކަމަށެވެ.

"އެއީ ރަށުގެ ރައްޔިތުން ދެކޭ ގޮތް. އިއްޔެގައި އަޅުގަނޑުމެން އެޖެންޑާކޮށްފައިވާނީ. ވާހަކައަކީ އިހްތިސާސް ތެރެއިން ނޯމަލް ޕްރޮސީޖަރގައި ދާނީ. އާދީއްތަ ދުވަހު އަޅުގަނޑުމެން އެކަން ކުރާނަމޭ."

ވާދޫ ކައުންސިލަކީ ވަކި އިހުތިސާސެއް ކަނޑައެޅިފައިވާ ޤާނޫނީ ޝަހްސެއް ކަމަށާއި އެރަށުގެ ބިމާއި ރުއްގަހާއި ހުރިހާ އެއްޗެހި އެކުލެވިގެންވަނީ ރަށުގެ ރައްޔިތުންނަށް ކަމަށް ހަސަން ވިދާޅުވިއެވެ. އެހެންވީމާ ރައްޔިތުން ބޭނުން ނުވާ އެއްވެސް ގޮތަކަށް ކައުންސިލުގެ ރައީސަށް ކަންތައްތައް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މެޖޯރިޓީ އެދެނީ ފަލަސްތީނުގެ މީހުންނަށް އެބޭފުޅުން ބޭނުންވަންޏާ އެބޭފުޅުންނަށް ވާދޫއިން ދިރިއުޅެވޭނެ މަގު ދައްކަދޭން. އެހެންވީމަ އެއާއި އެއްކޮށް ފަލަސްތީނަށް އަނިޔާ އެދޭ އިޒްރޭލު މީހުންނަށް މިރަށަށް އަރާ ފޭބުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫންކަން އަޅުގަނޑު ސާފުކުރަން ބޭނުން." ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރި ޒަަޔަނިސްޓުން އެއްވެސް ޙާލެއްގައި އެރަށަށް އަރާ ފޭބުން އޭނާއާއި ރައްޔިތުން ވެސް ބޭނުންނުވާ ކަމަށެވެ.

"3000 އަށްވުރެ ގިނަ މީހުން އާބާދުކުރެވޭ ވަރުގެ ބިން މިހާރު އޮންނާނީ ކަނޑައެޅިފަ. އަދި އިތުރުވެސް ވާނެ" ހަސަން އިތުރަށް ވިދާޅުވިއެވެ.

ޙަސަން މިފަދައިން ވިދާޅުވީ ނަމަވެސް ވާދޫ ކައުންސިލް މެންބަރު މުޙައްމަދު ޝިފާގް "ރަސް އޮންލައިން" އަށް ވިދާޅުވީ ރަށުން ބިން ދޫކުރުމަކީ ރަށުގެ ރައްޔިތުން އެދިލައްވާ ކަމެއް ނޫން ކަމަށެވެ. އަދި ކައުންސިލް ރައީސް އެކަން އެޖެންޑާ ކޮށްފައިވީ ނަމަވެސް ރަށުގެ ރައްޔިތުންނާއި ކައުންސިލުން މިކަމަށް އެއްބަސްނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވާދޫއަކީ ރާޅާ އެޅުމަށް ފަތުރުވެރިންގެ މެދުގައި ފުދޭވަރަކަށް މަގްބޫލު ރަށެކެވެ. އެހެންކަމުން، މާދަމާއަށް އެޖެންޑާކޮށްފައިވާ ވާދޫ ކައުންސިލުގެ 04 ވަނަ ދައުރުގެ 68 ވަނަ ޢާންމު ޖަލްސާގެ އެޖެންޑާގައި ވަނީ "އިޒްރޭލުގެ ރައްޔިތުން ވާދޫ ބްލޫބޯލްސް ބޭނުންކުރުން ހުއްޓުވުމަށާއި އަދި ވާދޫއަށް ޒިޔާރަތް ނުކުރެވޭނެގޮތް ހެދުމަށް މަޝްވަރާކޮށް ގޮތެއް ނިންމުން" ތާވަލުކޮށްފައެވެ.

އިޒްރޭލުގެ ޓޫރިސްޓުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ބައެއް ކައުންސިލްތަކުން ދަނީ ސަރުކާރު ކިބައިން އެދެމުންނެވެ. އަދި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ދަތުރުނުކުރެވޭނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއްވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް، ސަރުކާރުން މިކަމާއި ގުޅޭގޮތުން އަދިވެސް ވަކި ގޮތެއް ނިންމަވާފައި ނުވެއެެވެ.

ވާދޫއަކީ 1507 މީހުން ދިރިއުޅޭ 197 ހެކްޓަރުގެ ބޮޑު ބިމެއް އޮންނަ ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން