ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ބަންދަށް ބަދަލުކުރި އިގުރާރާ އެމަނިކުފާނު ހިލާފުވާކަމަށް ބުނެ، އެ އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު ކަރެކްޝަނުން ދީފިއެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން ވަނީ ޕީޕީއެމް ޕީއެންސީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު ގޭ ބަންދަށް ބަދަލުކޮށް، ލުއިތަކެއް ދީފައެވެ. އަދި މީގެ ދެ ދުވަސްކުރިން ވަނީ އެމަނިކުފާނު މާލެ ބަންދަށްވެސް ބަދަލުކޮށްފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީނަށް ލުއިތަކެއް ދިނީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުއްވުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ އެކަން ފަހިކޮށްދިނުމަށް ކަމަށެވެ. އަދި އޭގެ އިތުރުން، ކޮންމެހެން ބައްދަލުކުރަން އެދޭ މީހުންނާއި ވެސް، އެ އިދާރާއާ އެކަން ހިއްސާކުރުމުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީނަށް ލުއި ދިން ނަމަވެސް ކުރުން މަނާ ކަންތައްތަކެއް ވެސް އިގުރާރުގައި ހިމަނާފައިވާނެ ކަމަަށެވެ. އަދި އެމަނިކުފާނު އެ އިގުރާރާއި ހިލާފަށް އަމަލުކުރައްވާކަން ފާހަގަވެފައިވާތީ އެއާ އެއްގޮތަށް އަމަލުކުރަން މިއަދު އިންޒާރު ދީފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ. އަދި އެކަން ތަކުރާރު ކުރައްވާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށްވެސް އެމަނިކުފާނަށް އަންގާފައިވާކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ކަރެކްޝަނުން ޔާމީނަށް އިންޒާރު ދީފައި މިވަނީ އަންނަ ހުކުރު ދުވަހު، ހިޔާ ފްލެޓް ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އަންނަ ހުކުރު ދުވަހު، ހިޔާ ފްލެޓް ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ޖަލްސާ ބާއްވަން ރައީސް ޔާމީން ތައްޔާރުވަމުންދާއިރު، އެމަނިކުފާނު ދަނީ މިހާރުވެސް ޕީޕީއެމް އޮފީހުގައި ޖަލްސާތައް ބާއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން