އާއްމު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތިދުވަހު ނުބޭއްވިޔަސް، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް، މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތުމުގެ މައްސަލައެއް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި ބޭއްވިދާނެއެވެ. އެެހެންކަމުން މާދަމާއަކީ ބުރާސްފަތިދުވަސް ނަމަވެސް މާދަމާއަކީ ރަސްމީ ގޮތުން ސަރުކާރު ބަންދު ދުވަހަކަށް ނުވާތީ، މާދަމާ ޖަލްސާއެއް ބޭއްވިދާނެކަމަށެވެ.

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެމްޑީޕީން އެދުމުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމަވާފައެވެ. އަދި އެ ޖަލްސާއަށް ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާވެސް ކޮށްފައެވެ.

މަޖިލީހުގެ ޤަވާޢިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ބަލާއިރު، ރިޔާސަތުގައި އިންނަވަން ޖެހޭނީ، މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް މިހާތަނަށް އައިއިރު މި މައްސަލަ ކުރިއަށް ނުގެންދެވެނީ މަޖިލީހުގެ ނައިބު ރައީސް ބަލިވެ އުޅުއްވާތީއެވެ. އެގޮތުން މި ހަފްތާ އެއްކޮށް މަޖިލީހުގެ ނައިބު ރައީސް ހުންނެވީ ސަލާމުގައެވެ.

މި ކަމާއި ގުޅިގެން އެމްޑީޕީން މިހާރު ވަނީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން