ފެނަކަ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފައިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ފަތުރަމުންދާ ވާހަކަ ތަކަކީ އަސާސެއް ނެތް ވާހަކަތަކެއްކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފެނަކައިން އާންމުކޮށްފައިވާ ބަޔާނުގައި އެކުންފުނިން ބުނީ ކޮރަޕްޝަނަށް މަގުފައިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ފަތުރަމުންދާ ވާހަކަ ތަކަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ޙަސަދަވެރި ނިޔަތެއް އޮވެގެން ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ ޢަމަލުތަކެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކޮށްފައިވަނީ ކުންފުންޏަށް ބޭނުންވާ ފެނާއި ނަރުދަމާގެ ނިޒާމުގެ މެޓީރިއަލްސް ހޯދުމާ ގުޅޭގޮތުންނެވެ. މިކަމާއި ގުޅިގެން އެކުންފުނިން ބުނީ އެކުންފުނިން ދެމުންދާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަންޖެހޭ މެޓީރިއަލްސް ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދިއުމަކީ އަބަދުވެސް ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށާއި، އަދި މިމަސައްކަތް ކުރަމުންދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ ޢަމަލެއް އެ މުޢާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހު ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސަސްއެއްގެ ތެރެއިންކަން ފެނަކައިން ފާހަގަކޮށްފައިވެއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ 73 ރަށެއްގެ ފެނުގެ ނިޒާމާއި 88 ރަށެއްގެ ނަރުދަމާ ނިޒާމުގެ އިތުރުން 6 ރަށެއްގެ ބޯފެނުގެ ނިޒާމް ހިންގަމުންދާ ކުންފުންޏެކެވެ. އެގޮތުން މި ރައްތަކުގައި ޢާންމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް މެދުކެނޑުނަނުދީ ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަންޖެހޭ މެޓީރިއަލްސް ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ ޢަމަލެއް އެ މުޢާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހުކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.

ފެނަކައިން ވަނީ އެ ކުންފުނިން ހިންގޭ އެއްވެސް މުޢާމަލާތެއްގައި ކޮރަޕްޝަނަށް މަގުފައިވެދާނެފަދަ އެއްވެސް ޢަމަލެއް ހިންގަމުން ނުދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ. އަދި ފެނަކައިން ވަނީ އެ ކުންފުންޏާ ގުޅޭގޮތުން ޙާއްސަކޮށް ވަކި ނޫހަކުން ފަތުރަމުންދާ ޚަބަރުތައް، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް ޢާންމު ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން