ފެނަކައިން 5 އަހަރު ތެރޭ 5000 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް އިންތިޤާލީ އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިޤާލީ އޮފީހުގެ ތަރުޖަމާނު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭ ފެނަކަ ކުންފުންޏަށް 5000 މުވައްޒަފުން އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގައި އެކަނިވެސް 747 މީހުން ފެނަކައަށް އިތުރުވެފައިވާ ކަމަށް އިންތިޤާލީ އޮފީހުން ހާމަކުރިއެވެ. ގިނަ މުވައްޒަފުން ނަގާފައިވަނީ އެއް މަސައްކަތެއް ކުރަން ކަމަށްވެސް އެ އޮފީހުން ފާހަގަކުރިއެވެ.

އަދި ހަމައެއާއިއެކު، 2019 ވަނަ އަހަރު ފެށުނުއިރު ކުންފުނީގައި 2،756 މުވައްޒަފުން ތިބި ކަމަށް ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ މިހާރު އެ ކުންފުނީގައި 8،126 މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ޓީޗަރުންގެ އަދަދަށްވުރެ ފެނަކަ މުވައްޒަފުން ގިނަ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މިވަގުތު ރާއްޖޭގެ ސްކޫލުތަކުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 8،600 ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިދިޔަ އަހަރާއި ހަމައަށް ފެނަކައިގެ ދަރަނި 4.1 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ނިމުމުން ފެނަކައިން ތައްޔާރުކުރަން ޖެހޭ މާލީ ރިޕޯޓް އަދިވެސް ނިންމާފައިނުވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުނިތަކުގެ މަސައްކަތްތައް ބެލުމަށް ކުރި ޒިޔާރަތްތަކުގެ ތެރެއިން މި ކަންތައްތައް ފާހަގަވެގެންދިޔަަ ކަމަށެވެ.

ދައުލަތުގެ ބަޖެޓަށް ބަރޯސާވާން ޖެހޭ ކުންފުނިތައް ކޮޅަށް ޖަހަން އަލަށް އިންތިޚާބުވީ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން