ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް އައްޑޫ ސިޓީއަށް ދަތުރެއް ފަށައިފިއެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީއަށް ކުރާ ދަތުރުގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މި ދަތުރުގެ އެއް މަގްސަދަކީ އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ކޮށްދެއްވި މަސައްކަތަށް އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ޝުކުރު އަދާކުރުމަކީ ވެސް މިދަތުރުގެ މަގްސަދެއްކަމަށެވެ.

"ކުރިއަށް އޮތް ފަސް އަހަރު އެބޭފުޅުން ބޭނުންވާ ގޮތަށް ހިދުމަތް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް، ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ގުޅޭގޮތުން ވެސް އައްޑޫގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކައި ހަދާނަން،" އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް ރާއްޖޭގެ ރަށްރަށަށް ޕާޓީން ދަތުރުކޮށް، އިންތިހާބުގައި ރައްޔިތުން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކޮށް އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހަމަ ނިމިދިޔަ އިންތިހާބެކޭ އެއްފަދައިން އަދި އެއަށްވުރެ ވަރުގަދައަށް ޕީޕީއެމް/ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުންކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އައްޑޫއަށް ކުރާ ދަތުރުގައި ދެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ޕީޕީއެމް ޕީއެންސީން މަޖިލިސް އިންތިހާބަށް ތައްޔާރުވަމުންދާއިރު އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީމަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން