ރައްޔިތުންނަށް ޖަވާބުދާރީވެ ވަޑައިގެން، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަމާޒު ކަމުގައި އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހު ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މިހާތަނަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއި ބައްދަލުވެ ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް އެމަނިކުފާނު އެންމެ ބޮޑަށް ވާހަކަ ދައްކަވައި، އިސްކަން ދެއްވަނީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މައްޗަށް ކަމުގައެވެ.

އިންތިޚާބީ ނައިބް ރައީސް ވިދާޅުވީ މިހާތަނަށް އެމަނިކުފާނު އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ބައްދަލު ކުރެއްވި ބޭރުގެ ސަފީރުންނާއި، ޖަމްއިއްޔާތަކުގެ ވެރިންގެ ބައްދަލުވުންތަކުގައިވެސް ސަރުކާރު ހިންގެވުމުގައި ވައުދުތައް ފުއްދެވުމާއި، ރައްޔިތުންނަށް ޖަވަބުދާރީވެ ވަޑައިގެންނެވުމާއި ގުޅޭގޮތުން އެކިވާހަކަތައް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

"އިންތިޚާބު ނިމުނު ފަހުންވެސް އަޅުގަނޑުގެ ކައިރީގައި އެތައް ދުވަހަކު ވިދާޅުވެއްޖެ ސެމްބެއޭ ވަރަށް ވައުދު ވެފައޭ މިހިރީ. ވައުދު ވެފައިވާ ކަންތައްތައް ފުއްދުމަކީ ތިމަންނާގެ މައްޗަށް ވާޖިބެކޭ. އަދި ޚާއްސަ ގޮތެއްގައި އަޅުގަނޑުމެން ވަރަށް ބައިވަރު އެމްބެސެޑަރުންނާއިވެސް މީޓްކޮށްފިން. އެއިން ކޮންމެ މީޓިންއެއްގައިވެސް ވަރަށް ސާފުކޮށް ވިދާޅުވަމުން ގެންދެވީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ވެރިއެކޭ ތިމަންނައަކީ. އެކަން ހަނދާ ނައްތާ ނުލައްވާކަން ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަޅުގަނޑަށް އަޑުއިވިއިވި ހުރޭ ޑރ. މުއިއްޒުގެ ފަރާތްޕުޅުން." އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

މީގެއިތުރުން، ނާއިބު ރައީސްގެ މަސްޢޫލިއްޔަތުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިންތިޚާބީ ނާއިބު ރައީސް ވިދާޅުވީ ކަންކަމާއި ހަވާލުވެވަޑައިގަތުމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒާއި ފުރިހަމައަށް މަޝްވަރާކުރައްވާނެކަމަށެވެ. އެގޮތުން ޤައުމީ މަސައްކަތާއި އިޖްތިމާޢީ ދާއިރާގެ މަސައްކަތްތައްވެސް ކުރެއްވުމުގެ އިތުރުން މެނިފެސްޓޯ ތަންފީޒްކުރެވޭ ގޮތް ބެލެހެއްޓުމުގެ ޒިންމާއެއް ހަވާލުކުރައްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވާކަން އިންތިޚާބީ ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަޝްވަރާކުރައްވައިގެން ކަންކަން ހަވާލުކުރުމުގެ ޔަޤީންކަން ޑރ. މުއިއްޒު ދެއްވި. އިންތިޚާބީ ރައީސް ފުރިހަމަ ގޮތުގައި ވަރަށް ގިނަ ކަންކަން މަޝްވަރާކުރައްވާ. ސިޔާސީ ދާއިރާގައި އަޅުގަނޑު އަދި ޅަ. އެހެންކަމުން ކުރިއަށްދިއުމަށް އަދިވެސް ތަޖުރިބާ ބޭނުންވާނެ. ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރާނަން. ޕާޓީ ކުރިއެރުވުމަށާއި، ޕާޓީގައި ތިއްބެވި މެންބަރުންނާއެކުވެސް ސިޔާސީ މަސައްކަތްތައް ކުރާނަން." އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

އިންތިޚާބީ ނައިބު ރައީސް ވިދާޅުވީ އެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ނުވިނަމަ ވިސްނަވައިގެން ހުންނެވީ ކުޅިވަރުގެ ދާއިރާއާއި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުގައި ޕާޓީގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން